އެމެރިކާގެ ޓެކްސާސްގައި ހުންނަ އެލް ޕާސޯ އިންޑިޕެންޑެންޓް ސްކޫލް ޑިސްޓްރިކްޓްގެ ޗާލްސް މިޑްލް ސްކޫލުން ދަރިވަރުންނަށް ކަޅު ހެދުން ލުން މަނާކޮށްފިއެވެ. މިގޮތަށް ނިންމީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ރިއާޔަތްކޮށެވެ.
ސްކޫލުގެ ޕްރިންސިޕަލް ނިކް ޑިސަންޓިސް ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކަޅު ޓޮޕާއި ކަޅު ބޮޓަމް ލައިގެން އުޅުމުގެ "ލުކް" އެއް ސްކޫލުގައި ފެތުރެމުންދާ ކަމަށެވެ. އަދި މި "ލުކް" އަކީ އުފާވެރި އަދި ދުޅަހެޔޮ ކުދިންނާ ގުޅުވުމުގެ ބަދަލުގައި ޑިޕްރެޝަންއާއި ނަފްސާނީ މައްސަލަތަކާއި ކުށްވެރިކަމާ ގުޅުވޭ ކަމެއް ކަމަށް ވެފައިވާ ކަމަށެވެ.
އެލް ޕާސޯ ޓީޗަރސް އެސޯސިއޭޝަންގެ ރައީސް ނޯމާ ޑި ލާ ރޯސާ ވިދާޅުވީ މި އައު ޑްރެސް ކޯޑުގެ ދަށުން ވަކި ދުވަސްތަކެއްގައި ކަޅު ހެދުން ލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. އަދި ދަރިވަރުން ސްޓްރެސް ނުވަތަ ޑިޕްރެސްވާ ހިނދު އެކުދިންގެ ހެދުމަށް އަންނަ ބަދަލު މުދައްރިސުންނަށް ފާހަގަކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި އައު ސިޔާސަތާ ގުޅޭ ގޮތުން ބެލެނިވެރިންނާއި މުޖުތަމައުގެ މެންބަރުން ދެކެނީ ތަފާތު ގޮތްގޮތަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި މީހަކު ކޮމެންޓެއްގައި ބުނެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ބުލީކުރުން ކަމަށާއި އެކަމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!