އެކިއެކި ބޭނުންތަކަށް އެކި ފަރާތްތަކުން ފޮނުވާފައިވާ 10،000 އަށްވުރެ ގިނަ ސެޓެލައިޓް މިހާރު ޖައްވުގައި ދަތުރުކުރަމުންދާކަމަށް ދިރާސާކުރާ ކުންފުންޏަކުން ބުނެފިއެވެ.

ލުކް އަޕް ސްޕޭސް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ސްޕޭސްގައި ދަތުރުކުރަމުންދާ ސެޓެލައިޓްތަކުގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރައިފިއެވެ. މިއީ ފުރަތަމަ ފަހަރަށް މިހާ ގިނަ އަދަދެއްގެ ސެޓެލައިޓް ޖައްވުގައި ދަތުރުކުރަމުންދާކަން ފާހަގަކުރެވިފައިވާ ދިރާސާކަމަށް ބެލެވެއެވެ.

Ad
rt

މި ސެޓެލައިޓްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ހިއްސާކުރަނީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ ސްޓާލިންކް ކޮންސްޓެލޭޝަނުން ދޫކޮށްފައިވާ ލޯ އޯބިޓް ސެޓެލައިޓްތައް ކަމަށް އެކުންފުނިން ބުނެފައިވެެއެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 30 އިންސައްތައިގެ ކުރިއެރުމެއް ވަނީ އައިސްފައެވެ.

އެރޯސްޕޭސް އެމެރިކާއިން ވެސް ހާމަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ޖޫން 19 ވަނަ ދުވަހުގެ ނިޔަލަށް ބިމުގެ ޖައްވުގައި 10،019 ސެޓެލައިޓް ދަތުރުކުރަމުން އެބަދެއެވެ. މީގެ ތެރެއިން 6،646 ސެޓެލައިޓަކީ ސްޓާލިންކްގެ ސެޓެލައިޓްތަކެވެ.

މި ދާއިރާގައި އެންމެ ކުރިއަރަމުން އަންނަނީ ވިޔަފާރި ބޭނުމަށް ސެޓެލައިޓް ދޫކުރާ ކުންފުނިތަކެވެ. ޚާއްސަކޮށް މުވާސަލާތީ ޚިދުމަތްތަކާއި އިންޓަނެޓް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ ކުންފުނިތަކުންނެވެ. މިގޮތުން ސްޕޭސް އެކްސް، ވަންވެބް އަދި އެމެޒޯންގެ ޕްރޮޖެކްޓް ކުއިޕަރ ފަދަ ކުންފުނިތަކުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރު އެތައްހާސް ސެޓެލައިޓް ދޫކުރުމަށް ވަނީ ރާވާފައެވެ.