ކުރީގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ވަރަށް ބޮޑެތި ބޭކާރު ހަރަދުތަކެއްކޮށް، ކުންފުނި އޮތީ ދަރަނިވެރިވެފަައިކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު ވިދާޅުވީ މި ސަރުކާރުން ކުންފުންޏާ ހަވާލުވި އިރު ގިނަ ލިޔެކިޔުންތައް އެއްގޮތަކަށްވެސް ބަލަހައްޓާފައި ނުވާ ކަމަށެވެ. މިހާތަނަށް ލިބިފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރު ކުންފުނީގެ ދަރަނި 837 މިލިއަން ރުފިޔާއަށް އަރާކަމަށް ވިދާޅުވިއެވެ.

Ad
rt

ޒުހެއިރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެހީތެރިކަމާ އެކު އެ ކުންފުނީގެ ދަރަނީގެ ތެރެއިން 152 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް މިހާރު ވަނީ ދައްކާފައެވެ. މިއާއެކު ކިހާރު އެ ކުންފުނީގެ ދަރަނި ހުރީ 585 މިލިއަން ރުފިޔާގައެވެ.

އެސްއޯއީ ކޮމިޓީގައި އާރުޑީސީން ފާހަގަކުރި ގޮތުގައި ސިޔާސީ ވަޒީފާތަކުގައި ކުރިން ގިނަ ބަޔަކު އުޅުނެވެ. އަދި ދަރަނި ބޮޑުވި ސަބަބުތަކުގެ ތެރޭގައި އެކި މަޝްރޫއުތަކަށް ބޭނުންވާ އުޅަނދުތައް މާކެޓް ރޭޓަށްވުރެ ބޮޑުކޮށް އަމިއްލަ ކުންފުނިތަކަކުން ކުއްޔަށް ނަގައިގެން ބޭނުންކުރުމާއި ކުންފުންޏަށް ބޭނުންނުވާ ވަރަށް ވެހިކަލްތައް އިތުރަށް ކުއްޔަށް ނަގާފައިވާ ކަމަށް ބުންޏެވެ.

މިއާކަމާ ގުޅިގެން އެތައް މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހިފައިވާ ކަމަށް ޒުހެއިރު ވިދާޅުވިއެވެ.

"މަހެއްގެ މައްޗަށް 15 މިލިއަނެއްހާ ރުފިޔާ އެބަ އަރާ ކުލީގެ ގޮތުގައި. އަޅުގަނޑުމެން މިހާރު ވަނީ ބައެއް އެއްޗެހި ދޫކޮށްލާފައި މާކެޓް ރޭޓަށް އަގުތައް ތިރިކޮށްފައި. އަދި 5-6 މިލިއަނަށް އެ އަދަދު ވެސް ދަށްކޮށްފައި،" ޒުހެއިރު ވިދާޅުވިއެވެ.

ޒުހެއިރު ވިދާޅުވި ގޮތުގައި ބޮޑު އަގުގައި ވެހިކަލްތައް ކުއްޔަށް ނެގުމުގެ އިތުރުން އާރުޑީސީން އުޅަނދުތައް ވެސް ގަނެފައި ހުރީ ލިބެން ހުރި އަގަށް ވުރެ ބޮޑުކޮށެވެ. ކުރިން ސާމާނު ގަންނަ އަގަށް ވުރެ 35 އިންސައްތަ އަގު ހެޔޮކޮށް މިހާރު ސާމާނު ގަނެގެން މަޝްރޫއުތައް ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުންފުނި ހިންގާ ގޮތުން މިއަހަރު ނިމޭއިރު 234 މިލިއަން ހަރަދު ކުޑަ ކުރެވޭނެކަމަށް ޒުހެއިރު ވިދާޅުވިއެވެ.