މިދިޔަ މަހުގެ ކަރަންޓު ބިލްތައް ބޮޑުވެފައިވާ ގެތަކުގެ ހާލަތު ބަލައި، އެނާޖީ އޮޑިޓެއް ހަދަން ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފަހުމީ ވިދާޅުވީ، މިދިޔަ މަހު ވެސް ކަރަންޓު ބިލް ވަރަށް ބޮޑުވި ގެތައް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގެ ހަ ޕަސެންޓު ގޭބީސީ އާއި ހުޅުމާލޭގެ 15 ޕަސެންޓު ގޭބީސީގެ ކަރަންޓް ބިލް ބޮޑުވި ކަމަށެވެ.
މި ގެތަކުގެ އޮޑިޓެއް ހަދަން ހާއްސަ ޓީމުތަކެއް ގޭގެ އަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޓީމެއް ފޮނުވައިގެން އެޕާޓްމެންޓްތަކަށް ގޮސް ސްޓެޓިސްޓިކަލީ ބަލާނަން. އެޕާޓްމެންޓްތަކަށް ވިޒިޓް ކޮށްފައި އެނާޖީ އޮޑިޓެއް ހަދާނަން. އެ ތަންތަނުގެ ހާލަތު ބަލާނަން. އެ ތަންތަނުގައި ބޭނުން ކުރަނީ ކޮން ކޮން އާލާތްތަކެއްތޯ؟ އެޕާޓްމެންޓްގެ އިންސިއުލޭޝަން ހުރީ ކިހިނެތްތޯ ބަލާނަން،" އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުވާން ޖެހުނީ ކީއްވެތޯ ދެނެގަތުމަކީ ސްޓެލްކޯއަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ސްޓެލްކޯއިން ކަރަންޓް ބިލް ހަދަނީ ރީޑިން އަށް ބެލުމަށް ފަހުކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ބިލް ކުރުމުގައި ސްޓެލްކޯއިން އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށެވެ. ކަރަންޓް ބިލްގައި މައްސަލައެއް އުޅޭ މީހުންނަށް އެނާޖީ އޮޑިޓެއް ހަދަން ރިކުއެސްޓް ކުރެވޭނެ ކަމަށާއި އެ ތަންތަންވެސް ސްޓެލްކޯއިން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި ކޮންމެ އަހަރު ވެސް އެވްރެޖުކޮށް ކަރަންޓް ބޭނުން ކުރާ ވަރު 8-10 ޕަސެންޓާ ހަމައަށް ވަނީ އިތުރުވެފައެވެ. ކުރިއަށް އޮތް އަހަރެއްގެ ތެރޭ ޕީކް ވަގުތުތަކުގެ ކަރަންޓު ބޭނުން ކުރާ ވަރު 120 މެގަވޮޓަށް އަރާނެ ކަމަށް ވެސް އެ ކުންފުނިން ލަފާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!