އއ. ފެރިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، އައު ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 91 އިންސައްތަ ފުރިހަމަކުރެވިފައެވެ.
މި މަޝްރޫއުގެ ދަށުން، 23,579 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 7,848 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,268 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 47 މީޓަރުގެ ބޭރުތޮށި ލުމާއި، 213 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން، 403 މީޓަރުގެ ސަަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ރޭމްޕެއް ހެދުމާއި، 12 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 80 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2,481 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!