އެމްޓީޔޫގެ ފަރާތުން މިވަނީ ގާނޫނަކުން ކުލ ިކޮންޓުރޯލު ކުރުމަށް އެދި މަޖިލީހަށް ހުށައެޅޭ ޕެޓިޝަނެއްގައި ސޮއެ ކުރަން ފަށާފައެވެ. އަދި މިއާއެކު ވީހާވެސް ގިނަބަޔަކަށް ކުލި ކޮންޓުރޯލު ކުރުމުގެ މުހިންމުކަން އަންގައި ދިނުމަކީ އަހަރުމެންގެ މަޤްސަދެކެވެ. އެހެން ކަމުން ތިރީގައި އަހަރުމެންގެ ކުރިމަތީގައި ހުރި ގޮންޖެހުންތަކާއި އަހަރުމެންގެ ނަޒަރުގައި މިކަންކަމަށް އޮތް ހައްލަކީ ކޮބައިތޯ ބަލައިލާނަމެވެ.

މިނިވަން ވިޔަފާރީގެ ފިކުރު

Ad
rt

އަހަރުމެންގެ ކުރިމަތީގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުޖްތަމައުގައި މިނިވަން ވިޔަފާރީގެ ފިކުރު އަށަގެންފައިވާ މިންވަރެވެ. މިނިވަން ވިޔަފާރީގެ ފިކުރުގެ މީހުން ދެކޭގޮތުގައި އަގު ކޮންޓުރޯލު ކުރުމަކީ ފައިދާއެއް ނެތް ގެއްލުން ނުކުންނާނެ ކަމެކެވެ. އަގު ކޮންޓުރޯލު ކޮށްފިނަމަ ސަޕްލައި ތިރިވެ އެ މުދާ އެއީ ތަދު، ހޯދަން އުނދަގޫ މުދަލަކަށް ވާނެ ކަމަށެވެ. ކަޅު ބާޒާރެއް އުފެދިދާނެ ކަމަށެވެ. އެކަމު ހަގީގީ ދުނިޔޭގެ ލެބޯޓަރީން ނުވަތަ އަސްލު އިކޮނޮމީގައި ފެންނަމުން ދަނީ އެހެން މަންޒަރެކެވެ. ޚާއްސަކޮށް ބިމުގެ މުއާމަލާތު ތަކުގައެވެ.

ސަބަބަކީ ބިމަކީ ނިމުމެއްނެތް މުދަލަކަށް ވުމެވެ. އަދި ސަޕްލައި ލިމިޓެޑް މުދަލަކަށް ވުމެވެ. އިކޮނޮމިކްސްގެ ބަހުރުވައިންނަމަ އިން-އިލާސްޓިކް މުދަލަކަށް ވުމެވެ. . މިޒަމާނުގެ ބިލްޑިންގ ތަކަކީވެސް އެތަކެއް އަހަރުތަކެއް ވަންދެން ހުންނާނެ މުދަލެކެވެ. އެހެން ކަމުން އާދައިގެ 'ޕެރިޝަބަލް' މުދަލަކާއި އަޅައެއް ނުކިޔޭނެއެވެ. އަދި މިކަހަލަ މުދަލުގެ މުއާމަލާތަތަކަށް ބިނާކޮށް ހަދާފަ ހުރި ތިއަރީ ތަކުން ހަމައެކަނި ފިލާވަޅު ނެގުމަކީވެސް ގޯހެކެވެ.

ކުލި ކޮންޓުރޯލު ކުރުމާގުޅޭ ފަހުގެ ދިރާސާތަކަށް ބަލާއިރު އައު ގެދޮރު ހެދުމުން ސަޕްލައި ދަށްވާނެ ކަމަށް ބުނާ ބުނުމަށް ހެކިދޭ ދިރާސާއެއް ނެތެވެ. އެކަމަކު ހަމަ އެ ދިރާސާތަކުން ކުލި ކޮންޓުރޯލު ކުރެވި އަގުތަށް ހިފެހެއްޓޭކަމަށް ސާބިތު ހެކި ލިބެން އެބަހުއްޓެވެ. 2018 ވަނަ އަހަރުގެ ޑައަމަންޑް މެކްކުއޭޑް އާއި ކިއާން ސެންފުރެންސިސްކޯގެ ގެދޮރުގެ މާކެޓަށް އައި ބަދަލުގެ ތަހްގީގީ ދިރާސާއިންވެސް ފެންނަން އޮތީ މުޅި ގެދޮރުގެ މާރކެޓަށް އައު ގެދޮރުގެ ހެދުމަކުން ބަދަލެއް ނާންނަކަމަށެވެ. އަދި ހަމަ މި ދިރާސާއާއި އެއްބަސްވާ ކުރީގެ ކިތަންމެ ދިރާސާއެއް އެބަ ހުއްޓެވެ.

2015 ވަނަ އަހަރުގެ އެމްބުރޯސިއަސްއާއި ގިލަޑަރބުލޫމްގެ ދިރާސާއެވެ. 2007 ވަނަ އަހަރުގެ ގިލްޑަރބުލޫމްއާއި ޔޭ ގެ ދިރާސާއެވެ. 2007 ވަނަ އަހަރުގެ ޑޭވިޑް ސިމްސްގެ ދިރާސާއެވެ. މިހެންކަމުން ކުލި ކޮންޓުރޯލު ކުރުމުގެ ގާނޫނެއް ހަދާއިރުގައި ކުރީގެ ތަހްލީލީ އަދި ތަހްގީގީ ދިރާސާތަކަށް ބަލައިގެން ހެދިއްޖެނަމަ މާކެޓަށް އައު ގެދޮރު ނިކުތުމުގައި ދައްޗެއް ނޯންނާނެއެވެ. މި ތަހްގީގީ އަދި ތަހްލީލީ ދިރާސާތަކުގެ މައްޗަށް ބުރަވެ މިނިވަން ވިޔަފާރީގެ ފިކުރުގެ މީހުން މިބުނާގޮތަށް ސަޕްލައި ދަށްވެ ތަދު އެއްޗަކަށް ވާނޭ ކަމަށް ބުނުމުގެ ޖާގައެއް ނެތެވެ.

ކުލި ކޮންޓުރޯލު ކުރުމުގެ ގާނޫނުތަކުން އެންމެ މުހިންމު ރޯލެއް ކުޅެނީ ކުރިން ހެދިފައި ހުރި ބިލްޑިންގް ތަކުން އެ ހިސާބުގަނޑަކަށް ނުވަތަ އެ ސަހަރަކަށް ގެނެވޭ ބަދަލެއްގެ ސަބަބުން ކުލި މައްޗަށް ޖެއްސުން ހުއްޓުވުމުގައެވެ. މިސާލަކަށް ރަސްފަންނު ބީޗް އޭރިއާ ހެދުމުން އެހިސާބު ކައިރީގައި ހުރި ބިލްޑިންގ ތަކުގެ ކުއްޔަށް ބަދަލެއް އައިސްދާނޭކަމައް ވިސްނަވާށެވެ. އެހެނީ އެހިސާބު އެއްކޮށް ބީޗް އެރީއާއަކަށް ބަދަލުވެ، ހޮޓާ އެޅުމުގެ ފުރުސަތު ހުޅުވުމުންނެވެ. މިހިސާބުގެ ބިމުގެ އަގަށް ބަދަލު މިއައީކީ ބިންވެރިޔާގެ މޮޅުކަމަކުން ނުވަތަ ވިސްނުންތެރިކަމަކުން ނުވަތަ ކުރި މަސައްކަތަކުންވެސް ނޫނެވެ. މިބިމުގެ އަގަށް ބަދަލު އައިސްފައި މިވަނީ ސަރުކާރުން (އެންމެންގެ ޚަރަދުން) ހޭދަ ކޮށްގެނެވެ. މިހެން މިކަން އޮތްއިރު، މިއަގު އުފުލުމުގެ ހައްގު ބިން ވެރިޔާއަށް ވޭހެވެ؟ ދެން ވިސްނަވާށެވެ. ކުރިން އެހިސާބުގައި އެތަށް އަހަރުތަކެއް ދިރިއުޅެމުން ދިޔަ ކޮމިއުނިޓީ އެއްކޮށް ބޭރުކޮށް، އެހިސާބު އެއީ ހަމަ އެކަނި ބީޗް ހޮޓާ ހެދުމުގެ ސަރަހައްދަކަށް ބަދަލު ކުރަންވީހެވެ؟

މިއީ ހަމައެކަނި ގޮނޑު ދޮށެއް ހެދުމަކުން އަންނާނެ ބަދަލުއް ނޫނެވެ. ހޮސްޕިޓަލް ތަކާއި ސްކޫލްތަކާއި ޕާކުތަށް ހެދުމުންވެސް ހިސާބުތަކުގެ އަގު އުފުލިގެން ދާނެއެވެ. ސަރުކާރުން މުޅި މުޖްތަމައުގެ ބޭނުމުގައި ކުރާ މިކަހަލަ އިންވެސްޓުމަންޓު ތަކުގެ ނާޖާއިޒް ފައިދާ ބިންވެރިން ނަގަން ދޫކޮށްލެވިގެން ނުވާނެއެވެ.

މިނިވަން ވިޔަފާރީގެ ކުރިޔަށް އިންސާނީ ކަރަމަތާ ހައްގުތައް އަންނާންޖެހެއެވެ. ކުލީގެ މައްސަލަ ހަމައެކަނި ހައުސިންގް ސަޕްލައިގެ ނަޒަރުން ވާހަކަދެއްކުމުން ޕޮލިސީގެ އެއްބައި ދޫކޮށްލެވެނީއެވެ. އެއީ ކުއްޔަށް ހިފާފަރާތުގެ ހައްގުތަކުގެ ވާހަކައެވެ. ކުލި ކޮންޓުރޯލު ކުރުމަށް ގޮވާލުމުން ވަރަށް ވަރުގަދަކޮށް މިބުނެވެނީ މުދަލުގެ ވިޔަފާރި ކުރުމުގެ ކުރިޔަށް ކުއްޔަށް ދިރި އުޅޭ ފަރާތުގެ ހައްގުތަކެއް ވާކަމަށެވެ. އިންސާނީ އަދި އިޖްތިމާއީ ހައްގުތަކެއް ވާކަމަށެވެ. އެތަކެއް އަހަރުތަކެއް ވަންދެން އެއް ހިސާބެއްގައި ދިރިއުޅުނު މީހަކު ނެރި އެއްލާލުމުގައި މައްސަލައެއް ނެތް ކަމަށް ބުނާ މިނިވަން ވިޔަފާރީގެ ފިކުރަށް ވުރެން ވަރުގަދަ މޯރަލް ކުލެއިމެއް ކުއްޔަށް ދިރިއުޅޭފަރާތްތަކަށް އެހިސާބުގައި ދިރި އުޅެވޭނޭ އަގެއްގައި އެހިސާބުގައި ހުރުމަށް ވެއެވެ.

ގެދޮރަކީ ވަކި މިނިމަމް ސްޓޭންޑަޑެއް ހުންނަންޖެހޭ އެއްޗެކެވެ. އިންސާނުންނަށް އެކަށޭނެ ގެދޮރު ހުރިހާ އެންމެންނަށް ލިބޭކަން ކަށަވަރު ކުރުމަކީ ސަރުކާރަށް ލާޒިމު ކަމެކެވެ. ގެދޮރުގެ ނިޒާމު އެއްކޮށް މާކެޓަށް ދޫކޮށްލައިފިނަމަ މާކެޓުން ނެރޭނީ އެންމެ ފަގީރު މީހުންނަށް އުޅެން ހެޔޮނުވާވަރުގެ ބިނާ ތަކެވެ. މިހެންވެ ފުރީ މާކެޓަކަށް ގެދޮރުގެ ނިޒާމު ދޫކޮށްލެވިގެން ނުވާނެއެވެ.

ޑިމާންޑާއި ސަޕްލައިގެ ވިސްނުމުގެ މީހުންނަށް ޑިމާންޑާއި ސަޕްލައި ބޭނުންކޮށްގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އަބަދުވެސް އޮވެމެ ހައްލު ނުކުރެވެނީ ކީއްވެ ކަމާމެދު ފިކުރު ކޮށްލަމާ ހިނގާށެވެ. ދުނިޔޭގެ ގިނަ ސަހަރު ތަކެއްގައި ގެދޮރުގެ މައްސަލަ ބޮޑުވެގެން ދިޔަނަމަވެސް ސިންގަޕޫރުގައި އެ މައްސަލަ ސީރިއަސް ނުވެ މެނޭޖް ކުރެވެނީ ގެދޮރަކީ ސަރުކާރުން ފޯރުކޮށްދޭ އެއްޗަކަށް ހަދައި ޕަބްލިކް ހައުސިން ފުޅާކުރުމުންނެވެ. ސިންގަޕޫރަށް 1959 ގައި މިނިވަންކަން ލިބިނު އިރު ޕަބްލިކް ހައުސިންގައި އުޅެމުން ދިޔައީ %9 މީހުންނެވެ. ނަމަވެސް މުޅި އާބާދީގެ %79 މިހާރު އުޅެމުންދަނީ ޕަބްލިކް ހައުސިންގައެވެ. ސަރުކާރުގެ ދީލަތި ސްކީމްތަކުގެ ދަށުން %90 މީހުންނަކީ އަމިއްލަ ގެދޮރު ހުރި މީހުންނެވެ. ޕަބްލިކް ހައުސިން ސުކީމްތަށް މިހާ ފުޅާކޮށް ނުހިންގާ ގެދޮރުގެ ދަތިަކަމަށް ހައްލެއް ލިބިދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ރާއްޖޭގަވެސް ފުލެޓަށް އެދުމަށް ހުޅުވާލުމުން ބައި ލައްކަ ފޯރމު ލިބުނެވެ. ރާއްޖޭގައިވެސް ހަގީގީ ގެދޮރުގެ ޑިމާންޑު އުޅެނީ މިހާ މަތީގައެވެ. މިސަރުކާރުންވެސް ގެދޮރުގެ ދަތިކަމަށް އަވަސް ހައްލެއް ގެންނަން ބޭނުން ނަމަ މިހާ ފުޅާކޮށް ގެދޮރުގެ މަސައްކަތް ކުރަންޖެހޭނެއެވެ. ނަމަވެސް މިއީ މިނިވަން ވިޔަފާރީގެ ފިކުރާ ދިމާ އިދިކޮޅު ކަމެކެވެ. މާކެޓްގެ ސައިޒް ކުޑަކޮށް، ގެދޮރުގެ ބޮޑުބަޔަކީ ޕަބްލިކް ހައުސިންގއަށް ވުމެވެ.

މިހާ ބޮޑަށް ސަޕްލައި އިތުރު ކުރުމަށް މަސައްކަތް ކޮށްފިނަމަ، މިހާރުވެސް ކުލި ކޮންޓުރޯލު ކުރުމަށް ގޮވާލީމާ ރުޅި އަންނަމީހުން އެކަމާވެސް ރުޅި އަންނާނެއެވެ. ޖުމްލަކޮށް މިބުނެވުނީ މިނަވަން ވިޔަފާރީގެ ފިކުރަކަށެއް ރާއްޖެއަށް ބޭނުންވާ ބަދަލު ގެނައުމުގެ ވިސްނުމެއްނެތް ވާހަކައެވެ. އަދި ހިތްވަރުވެސް ނެތް ވާހަކައެވެ.އަދި ރާއްޖެއަށް ބޭނުންވާ ހައްލު މިހާރުގެ ސިޔާސަތު ބަދަލު ނުކޮށް ހޯދެންވެސް ނެތް ވާހަކައެވެ.

ދެން އޮތީ ލާމަރުކަޒީ ނިޒާމުގެ ވާހަކައެވެ. ލާމަރުކަޒީ ނިޒާމުގެ ދުވެލި އަދި މިދާ މިނުން ރާއްޖެއަށް ބޮޑު ބަދަލެއް އައިސްދާނެ ކަމަކަށް އަންދާޒާއެއް ނުކުރެވެއެވެ. އަތޮޅު ތަކަށް ކަނޑައެޅިފައިވަނީ އިހަށްވުރެން ބޮޑު ބަޖެޓެއް ކަމުގައި ވިޔަސް ބަދަލެއް ފެންނަވަރުގެ ބަޖެޓެއް ނޫނެވެ. މީގެ އިތުރުން އެކި ސަރަހައްދު ތަކުގައި ވަޒީފާ އުފެދޭނެ ފަދަ ސިނާއަތްތައް އުފެއްދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަންޖެހެއެވެ. ނަމަވެސް މިފެންނަނީ އިހުގައިވެސް ކަންހިނގިގޮތަށް ވާނެގޮތެއް ވާންދޫކޮށްލާފައިވާ ތަނެވެ. ސަރުކާރުން ފަށަން ގަސްދު ކޮށް ފައިވާ ބޮޑެތި ޕުރޮޖެކްޓުތަށްވެސް މާލެ ސަރަހައްދަށް ފުނިޖެހޭތަނެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެނިހެން ސަރަހައްދު ތަކަށް ބަދަލެއް އައިސްދާނެ ކަމަށް ގަބޫލު ކުރެވުނަސް އެނަތީޖާ ފެންނަންދެންވެސް ކުލި ކޮންޓުރޯލު ކޮށްފަ ބެހެއްޓުމަކީ މުހިންމުކަމެކެވެ. އަދި މިއީ ތަޢާރުޒުނުވާ ދެކަމެކެވެ.

ލޯން އިންޓުރެސްޓު

ކުލި ކޮންޓުރޯލު ކުރުމުގެ ޕެޓިޝަން ނެރުމާއި އެކު ކުލި ކޮންޓުރޯލު ކުރުމާއި ދެކޮޅު މީހުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ 'ބޮޑު ލޯނު ނަގައިގެން ހަދާފައި ހުރިގެ ތަކުގެ ކުލި' ކޮޓުރޯލު ނުކުރެވޭނެ ވާހަކައެވެ. އަދި މިއީ ހަމަ އުސޫލެއް ނޫން ކަމަށް ވެސް ބުނެއެވެ.

ބޭންކުން ނަގާ ލޯނުގެ ވަނީ ދެބަޔެކެވެ. އެއީ ލޯނުގެ ޕުރިންސިޕަލާއި ލޯނުގެ އިންޓުރެސްޓެވެ. ލޯނުގެ ޕުރިންސިޕަލަކީ ކޮންސްޓުރަކްޝަން ކުރުމަށް ދާ ޚަރަދެވެ. ލޯނުގެ އިންޓުރެސްޓަކީ ގެދޮރު ހެދުމަށް ހޯދި ލާރިއަށް ބޭންކުން ނެގި އަގެވެ. ލޯންގެ އިންޓުރެސްޓުވެސް ލޯންގެ ޕުރިންސިޕަލްވެސް ދައްކަނީ ބިންވެރިޔާއެއް ނޫނެވެ. އެއީ ކުލި ދައްކާ ފަރާތުގެ މަހު މުސާރައިން ހޯދޭ އެއްޗެކެވެ. ބިމުގެ ވެރިފަރާތަކީ ހަމައެކަނި މެދުވެރިޔާއެވެ. ޖުމްލަ ކޮށް މިބުނެވެނީ މި ތިންޕާޓީގެ (ބޭންކު، ކޮންސްޓުރަކްޝަން ކުންފުނި، އަދި ގެދޮރުގެ ވެރިފަރާތް) ފައިދާ ބިނާ ވެފައި މިވަނީ ކުލި ދައްކާ ފަރާތުން ކުއްޔަށް ހޭދަ ކުރާ މިންވަރަށެވެ. މިހެންވެ، މިތިން ޕާޓީ އެއްކޮށްހެން މިހާރު ނަގަމުންދާ ބޮޑު ފައިދާ އިތުރު ނުވެ ހިފެހެއްޓޭނެ އެންމެ ފަސޭހަ ގޮތަކީ ކުލި ކޮންޓުރޯލު ކުރުމެވެ.

ކުލި ކޮންޓުރޯލު ނުކޮށް ފިނަމަ ބޭންކަށްވެސް، ކޮންސްޓުރަކްޝަން ކުންފުނިތަކަށްވެސް، އަދި ގެދޮރުގެ ވެރިފަރާތަށްވެސް ކޮންމެ އަހަރުކުހެން ފައިދާ ބޮޑު ކުރުމުގެ ފުރުސަތު އޮވެއެވެ. މިހެންވެ މިހާރު ހުރި ގެދޮރުގެ ސްޓޮކަށް ހަމަ އެކަނި ބެލުމުގެ ބަދަލުގައި ކުރިޔަށް އޮތްތަނުގައި އަންނާން ހުރި ގެދޮރުގެ ސްޓޮކާއި މެދުވެސް ވިސްނަވާލާށެވެ.

އިންޓުރެސްޓު ރޭޓުގެ ވާހަކައަކީ ހަމައެކަނި ބަހަނާއެއްކަން އިނގޭ ދެވަނަ ސަބަބަކީ ބޭންކަށް ލޯނު އަދާކޮށް ނިންމާފައިވާ ގޭގޭގެ ކުލިވެސް އެއީ ގަވައިދުން ބޮޑުވަމުން އަންނަ ކުއްޔަކަށް ވުމެވެ. ކުލި ތިރިވުމަށް އޮތް ހުރަހަކީ ލޯނުގެ ބުރަނަމަ ލޯނު އަދާކޮށް ނިންމާފައިވާ ގޯތިގެދޮރުގެ ކުލި މިހާރު ހުންނާންޖެހޭނީ މިޔަށްވުރެން ތިރީގައެވެ. ނަމަވެސް ފެންނަމުން މިދަނީ ހަމަގަވައިދުން މާކެޓުގައި ހުރި ހުރިހާ ގެދޮރެއްގެ ކުލި ބޮޑުވަމުން އަންނަތަނެވެ.

ކުލި ކޮންޓުރޯލު ކުރުމަކީ ހަމައެކަނި ހައްލެއް ނޫން

ކުލި ކޮންޓުރޯލު ކުރުމުގެ ހަތަރު ފައިދާއެއްވެއެވެ. ފުރަތަމަ ކަމަށް މިހާރު ހުރި ގެދޮރު އިތުރަށް އަގު ބޮޑު ނުވެ ހިފެއްޓޭނެއެވެ. މިހެންވެ މިގެދޮރުގައި ދިރިއުޅެމުންދާ އާއިލާތަކަށް އެގެދޮރުގައި ދިގުމުއްދަތަކަށް ހުރުމުގެ ޔަގީންކަން ލިބެއެވެ. އާއިލާތަށް އެއްގެއިން އަނެއްގެއަށް ބަދަލުވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ގެދޮރުގެ ކުލި ކުއްލިޔަކަށް ބޮޑު ކުރުމުވެ.

ދެވަނަކަމަކަށް އާއިލާތަކުން ދެކި ފަރިތަ ރައްޓެހި މުޖްތަމައުއެއް ބިނާ ކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. ކުލި ދައްކާ އާއިލާތަކަކީ އަބަދުހެން އެއްގެއިން އަނެއްގެއަށް ބަދަލުވާ ބަޔަކަށް ވާނަމަ އެބަޔެއްގެ ކޮމިއުނިޓީ ގުޅުން ހީނަރުވެގެންދާނެއެވެ. ދިރާސާއިން ދައްކާ ގޮތުގައި ކުލި ކޮންޓުރޯލު ކުރެވިފައިވާ ސަހަރު ތަކުގައި އެއްގެއިން އަނެއްގެއަށް ބަދަލުވުން ކުޑައެވެ. ބައެއް އިކޯނޮމިސްޓުން މިއީ 'ލެކް އޮފް މޮބިލިޓީ' ގޮތުގައި ފުރޭމް ކުރި ނަމަވެސް މިއީ ކުއްޔަށް ހިފާ ފަރާތަށް ލިބޭ ވަރަށް ބޮޑު ޔަގީން ކަމަކާއި ހިތްހަމަޖެހުމެކެވެ.

ތިންވަނަ ކަމަކަށް ބިމުގެ ސަޕްލައި އަކީ ލިމިޓެޑް 'އިން- އިލާސްޓިކް' ސަޕްލައި އެކެވެ. މިހެންވެ ކުލި ކޮންޓުރޯލްކުރުމުން ބިންވެރިން މިބިންތަކުން ނެގިދާނެ މޮނޮޕޮލީ ޕުރޮފިޓްތަށް ކޮންޓުރޯލު ކުރެވި ހިފެހެއްޓޭނެއެވެ. މިކަމުގެ ފައިދާ އެހިސާބެއްގައި ދިރި އުޅޭ ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް ކުރާނެއެވެ. އަދި އެހިސާބެއްގައި ކުއްޔަށް އުޅޭމީހުންގެ އަތްމަތި ރަނގަޅު ވުމަކީވެސް ވިޔަފާރިތަކަށް ހުރި ފައިދާއެކެވެ.

ހަތަރު ވަނަކަމަށް މިހާރު ހެދޭ ގެދޮރުގެ އުމުރަކީ 30-50 އަހަރެވެ. ވިޔަފާރިއަށް ހެދޭ ގެދޮރުތަކުގެ ޚަރަދު 10-15 އަހަރު ތެރޭގައި ކަވަރ ވެއެވެ. މީގެ މާނައަކީ މިހާރަށް ވުރެ ފައިދާ ލިމިޓް ކުރިނަމަވެސް ގޭގެ ވެރިފަރާތަށްވެސް، ބެންކުތަކަށްވެސް، އަދި ކޮންސްޓުރަކްޝަން ކުންފުނިތަކަށްވެސް ގެއްލުމެއް ނުވާނެ ގޮތަށް މިކަން ކުރުމުގެ ފުރުސަތުއެބައޮތެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ ރެގިއުލޭޓު ކުރުމުގެ ޖާގަ ވަރަށް ފުޅާކޮށް އެބައޮތެވެ.

ކުލި ކޮންޓުރޯލު ކުރުމަކީ ގެދޮރުގެ ނިޒާމަށް ގެނެވެން ޖެހޭ ބަދަލު ތަކުގެ ތެރެއިން އެއް ބަދަލެވެ. މިއާއެކު އެހެނިހެން ބަދަލުތަކެއްވެސް އަންނަން އެބަޖެހެއެވެ. ކުލި ދައްކާ ފަރާތުގެ ހައްގުތަށް ހިމާޔަތް ކުރާނޭ ގާނޫނެއް ބޭނުންވެއެވެ. މިގޮތުން ސަރުކާރުން މިހާރު ހުށައަޅާފައިވާ ބިލަކީ ރަނގަޅު ފެއްޓުމެކެވެ. ސޯޝަލް ހައުސިން ސްކީމަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޭނުން ކުރެވޭ ފަދަ ހަގީގީ ސޯޝަލް ހައުސިން ސްކީމަކަށް ހަދަން އެބަޖެހެއެވެ. ސޯޝަލް ހައުސިންގް އިތުރަށް ހަދާވަރު އިތުރު ކުރަންޖެހެއެވެ. ކުއްޔަށް ހިފާ ފަރާތާއި ދޭފަރާތާއި ދެމެދު ތަފާތުވުން އުފެދިއްޖެ ހާލަތެއްގައި ފަސޭހައިން ގާނޫނީ ވަސީލާތްތަށް ލިބޭނޭ މަގު ފަހިވާން އެބަޖެހެއެވެ.

ކުލި ކޮންޓުރޯލު ކުރުމަށް އޮތް މަގު

އަހަރުމެން ކުލި ކޮންޓުރޯލު ކުރުމަށް އެދި ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ މިއީ ވަގުތުން ހައްލު ލިބޭނޭ ކަމެއް ނޫންކަން ދެނެ ތިބެއެވެ. އަހަރުމެންގެ މަގްސަދަކީ މިމައްސަލަ ތިލަ ކޮށް، ވިހާވެސް ފުޅާކޮށް މިކަމުގައި ބަހުސް ކުރުމެވެ. ގާނޫނަކާއި ހިސާބަށް ދިޔައުމުގެ ކުރިން މުޅ ިމުޖްތަމައު މިކަމުގައި ބަހުސްކުރުމަކީ މުހިންމު ކަމެކެވެ. ދެވަނަ ކަމަކީ ގިނަބަޔެއް އެކުލެވޭ ޔޫނިއަނެއް އުފެއްދުމެވެ. މިހާރު ހުރި ނުފޫޒުތަކާއި ޗެލެންޖު ކުރެވޭނޭ ފެންވަރު ހުރި މޫވްމަންޓެއް ނުއުފެދެނީސް ސިޔާސީ ފަރާތްތަކުން މިކަމުގައި އެއްބާރުލުން ނުދޭނޭކަން ދަންނަމެވެ. ސިޔާސީ ފަރާތްތަކަކީ އަބަދުވެސް މޫވްމަންޓުތަކުގެ ފަހަތުން އަންނަބަޔެކެވެ. ކުރިޔަށް ނުކުމެ ކެރިގެން ލީޑް ކުރަން ކެރޭނީ މަދު ސިޔާސީ ފަރާތަކަށެވެ. މިހެންވެ މަޖިލީހުގައި ތިބިސިޔާސީ ބަޔަކު ރުއްސުމަށް ވުރެ ވިހާވެސް ގިނަ އާންމުން އެކުލެވޭ މޫވްމަންޓެއް އުފެއްދުމަކީ މާމުހިންމުކަމެއް ކަމަށް ދެކެމެވެ. ޕެޓިޝަނަކީ މަޖިލީހަށް ހުށައެޅޭ ޕެޓިޝަނެއް ކަމަކު އަސްލު އަމާޒަކީ އާންމުންނެވެ.

މިވަގުތުވެސް އާންމުންނަށް ކުލި ކޮންޓުރޯލު ކުރުން އަވަސް ކުރަން ކުރެވޭނޭ ކަންތަށްތަކެއް އެބަހުއްޓެވެ. ތިފަރާތުގެ މަޖިލިސް މެމްބަރާއި ގުޅާ މިކަމުގައި ޕާޓީގެ ފިކުރުގެ ބަދަލުގައި ގިނަ ރައްޔިތުން އެދޭ ގޮތަށް ކުލި ކޮންޓުރޯލު ކުރަން ވޯޓު ދޭން ކޮންވިންސް ކޮށްދޭށެވެ. މަޖިލީހުގައި މާލެ ރަމްޒު ކުރަން ތިބި މެމްބަރުންނަށްވުރެން އެހެންރަށްތަށް ރަމްޒުކުރާ މެމްބަރުން ހަމަ ގައިމުވެސް ގިނަވާނެއެވެ.