ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޣައްޒާގައި ޕޯލިއޯ ބަލި ފެތުރުމުގެ ނުރައްކާ އިތުރުވެއްޖެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ހާމަކޮށްފައެވެ.
ޑަބްލިއުއެޗްއޯ އިން މަޢުލޫމާތު ދިންގޮތުގައި ޣައްޒާގެ ހެލްތު މިނިސްޓްރީއާ ގުޅިގެން ނަރުދަމާ ނިޒާމުން ބޭރުވާ ނަޖިސް ފެނުގެ ސާމްޕަލްތަކެއް ނަގައި ޓެސްޓު ކުރުމުން ޕޯލިއޯއަށް މަގުފަހިކުރާ ވައިރަސް ފެނިފައިވެއެވެ. މިގޮތުން ފާއިތުވި މަހުގެ 23 ވަނަ ދުވަހު ޣައްޒާގެ 6 ސަރަޙައްދަކުން ނެގުނު ސާމްޕަލްތަކުން ޕޯލިއޯ ވައިރަސް ޓައިޕް 2 (ވީޑީޕީވީ2) ފެނިފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
ޕޯލިއޯއަކީ ޖެހިއްޖެނަމަ ވާކޮށްލާ ބައްޔަކަށްވުމާއެކު، ހަނގުރާމައިގެ ސަބަބުން މިހާރު ޣައްޒާ އޮތް ހާލަތަށް ބަލާއިރު، އެތަނުގެ ސިއްޙީ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެއެވެ.
"އަވަސް މުއްދަތެއްގެ ތެރޭގައި ޕޯލިއޯ ވައިރަސް ނައްތާލުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މިހާރު ޔުނިސެފާއި އަންރުވާގެ އިތުރުން ޣައްޒާގެ ސިއްޙީ އިދާރާތައް ގުޅިގެން ވައިރަސް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި ބަލި އެއްވެސް ވަރަކަށް މިހާތަނަށް ފެތުރިފައިވޭތޯ ވެސް ބަލަމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.
ޣައްޒާގެ ހާލަތާ ގުޅިގެން ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ވަނީ ޕޯލިއޯ ވެކްސިން މި ވަގުތު ޣައްޒާއަށް ވަރަށް މުހިންމުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ހަނގުރާމައިގެ ސަބަބުން ޣައްޒާ މިހާރު އޮތީ ޕޯލިއޯ ފަދަ ސިއްޙީ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ފަދަ ހާލަތެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!