ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވޮޝިންގްޓަންގައި ބޭއްވޭ ނޭޓޯ ސަމިޓްގައި ބައިވެރިވުމަށް އެމެރިކާއަށް ވަޑައިގެންފިއެވެ.

ތިން ދުވަހުގެ މުއްދަތަށް ބޭއްވޭ މި ސަމިޓަކީ ނޭޓޯގެ 75 ވަނަ އަހަރީ ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ސަމިޓެކެވެ.

Ad
rt

މި ސަމިޓްގައި ނޭޓޯގެ 32 ޤައުމުތަކުން ބައިވެރިވެ، ފިނިހަނގުރާމައިގެ ފަހުން އެންމެ ނުރައްކާތެރި ސަލާމަތީ މާހައުލެއް ކަމަށް ބެލެވޭ މި ދަނޑިވަޅުގައި، ނޭޓޯގެ 1 ބިލިއަން ރައްޔިތުން ރައްކާތެރިކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާނެއެވެ. މި ސަމިޓްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދިފާޢީ މަސައްކަތްތަކާއި، ޔުކްރެއިންގެ ހާލަތާއި، ޓެރަރިޒަމްގެ މައްސަލަތަކާ ގުޅޭގޮތުންނެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަދި ނޭޓޯގެ އޭޝިއާ-ޕެސިފިކް ބައިވެރިން ގުޅުންހުރި ބައްދަލުވުންތަކުގައި ބައިވެރިވާނެއެވެ. ރައީސް އުރުދުޣާން، ނޯތު އެޓްލާންޓިކް ކައުންސިލްގެ ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ސަމިޓުން ތުރުކީން އުންމީދުކުރަނީ ބައިވެރި ޤައުމުތަކުގެ ޤައުމީ ސަލާމަތާ ގުޅޭ ކަންބޮޑުވުންތަކަށް އަޅާލައި، ނޭޓޯގެ އެއްބައިވަންތަކަން އިތުރަށް ވަރުގަދަކުރުމެވެ.

ތުރުކީގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި ސަމިޓްގެ ތެރޭގައި އުރުދުޣާން އެހެން ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެއެވެ. މީގެ ތެރޭގައި އަލަށް އައްޔަންކުރެވުނު ނޭޓޯގެ ލީޑަރު، ނެދަލޭންޑްސްގެ ބޮޑުވަޒީރު މާކް ރުޓޭ ހިމެނެއެވެ.