އަންނަ ހުކިރު ދުވަހާ ހަމައަށް މިފްކޯއިން މަސް ގަންނަ އަގުތައް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް މިފްކޯގެ ސެންޓަރުތަކުންނާއި ބޯޓުފަހަރުތަކުން އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުންޏެވެ.

Ad
rt

މީގެ އިތުރުން އައިސް އަޅާފައިވާ 1.5 ކިލޯއަށްވުރެ ދަށް ކަނޑުމަހާއި ކަންނެލި 7 ރުފިޔާއަށް ގަންނަން ނިންމާފައިވާއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަތުމަށް ހަމަޖެހިފައިވަނީ 5 ރުފިޔާއަށް ކަމަށް މިފްކޯއިން ބުންޏެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް، މިފްކޯއިން މަސް ގަންނަ އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށް އެ މިފްކޯއިން ވަނީ ނިންމާފައެވެ.

އެގޮތުން، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިއަދުން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށްކަމަށް މިފްކޯއިން ބުންޏެވެ.

މިއަގުތައް ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިއުލާން ކުރަމުންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.