ރާއްޖޭގެ ގައުމީ އެއާލައިން އަދި މިއަހަރުގެ އުރީދޫ ފަން ރަންގެ ޓްރެވަލް ޕާޓްނަރު މޯލްޑިވިއަން އިން ރަންގައި ބައިވެރިވާ ދަތުރުވެރިންނަށް ހާއްސަ އޮފާއެއް ފަށައިފިއެވެ.
މި އޮފާގެ ދަށުން ލާމު އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަންގައި ރަޖިސްޓްރީވެފައިވާ ބައިވެރިންނަށް މާލެ އިން ކައްދޫއަށް ދެކޮޅު ޓިކެޓު އެންމެ 2488 ރުފިޔާއަށްލިބިގެންދާނެވެ.
އަންނަ މަހުގެ 5 ވާ ހުކުރު ދުވަހު ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންވެސް ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން، ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެއެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި ދުވުމުގެ ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން މޯލްޑިވިއަނުން ޖުލައި މަހުގެ 4ން 5 ވަނަ ދުވަހުގެ ނިޔަލަށް މާލެއިން ކައްދޫއަށް އަދި ޖުލައި މަހުގެ 6ން 7 ވަނަ ދުވަހުގެ ނިޔަލަށް ކައްދޫއިން މާލެއަށް ހާއްސަ އަގުގައި ޓިކެޓް ލިބޭނެއެވެ.
މި އޮފާ ބޭނުންކުރުމަށް އުރީދޫ ފަން ރަން ގައި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކުން އޯޑަ އައިޑީއާއެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި " އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު cc@iasl.aeroއަށް އީމެއިލް ކުރުމުން ޓިކެޓް ލިބޭނެއެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ އުރީދޫ ފަންރަން ގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ހަރަކާތް ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ވަރަށް ފުރިހަމަ މިކްސްއަކަށް ކަމަަށް އޭނާ ވިދާޅުވިއެވެ.
“ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގައި ބޭއްވޭ މި އުފާވެރި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން" އިޔާސް ވިދާޅުވިއެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން ލާމުގައި މޯލްޑިވިއަން ބައިވެރިވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއް ކަމަށެވެ. އަދި މި ހަރަކާތަކީ ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ސިއްހަތާއި ދުޅަހެޔޮކަމާއިއެއްބައިވަންތަކަމުގެ އުފާފާޅުކުރުމުގެ ހަރަކާތެއް ކަމަށް އޭނާވެސް ވިދާޅުވިއެވެ.
“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިހާއްސަ އެއާފެއާގެ ސަބަބުން އިތުރު ބައިވެރިންނަށް މި ރަންގައި ބައިވެރި ވުމަށް ފަސޭހަވެގެންދާނެ." ޚާލިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!