ކާމިޔާބުކަމާއެކު ޑްރެގަންފްރުޓް ހެއްދުމަށްޓަކައި ގަސް ނުވަތަ ކުރި އިންދާ ބިންގަނޑު ނުވަތަ ފަސްގަނޑު ރަނގަޅަށް ތައްޔާރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޑްރެގަންފްރުޓް އިންދުމަށް މިގޮތަށް ކަންތައް ކުރެވިދާނެއެވެ.
އިންދާނެ ތަނެއް ކަނޑައެޅުން:
އިރުގެ އަލި: ޑްރެގަންފުރުޓު ހެއްދުމަށް ދުވަހުގެ ބޮޑު ބައެއްގައި ފުރިހަމަ އިރުގެ އަލި ލިބޭ ތަނެއް އިޚުތިޔާރުކުރާށެވެ. ސަބަބަކީ ޑްރެގަންފްރުޓަކީ ތަބީޢީ ގޮތުން ކެކްޓަސް އެކޭ އެއްގޮތަށް ހަނަފަސް މާޙައުލުގައި ހެދޭ ގަހެކެވެ.
ފެން ހިނދުން: ޑްރެގަންފުުޓު ގަސް އިންދާ ފަސްގަނޑު ވާންވާނީ ފެން ދިނުމުން ގިނައިރު ފެން ނުހިފަހައްޓާ، ފެން ހިނދިގެންދާ ފަސްގަނޑަކަށެވެ. އެހެންނޫންނަމަ މޫތައް ގިރި ހަލާކުވުކުގެ ފުރުޞަތު ބޮޑުވާނެއެވެ.
މާ ނުކުތުމުން މާ ނުކުތް ތާރީޚު ޖެހުމުން ފުރުޓު ކަނޑަން ޖެހޭ ދުވަސް ފާހާގަކުރަން ފަސޭހަވޭ
ފަސްގަނޑު ޓެސްޓްކުރުން:
ޕީއެޗް ލެވެލް: ޑްރެގަންފްރުޓް ހައްދަން އެންމެ ރަނގަޅީ ކުޑަކޮށް އެސިޑިކު އަދި ނިއުޓްރަލްއާ ގާތްކުރާ ފަސްގަނޑެއްގައެވެ. އެހެންކަމުން ފަސްގަނޑުގެ ޕީއެޗް ދެނެގަތުމަށް ފަސްގަނޑުގެ ޓެސްޓެއް ހެދުން ރަނގަޅެވެ. ޕީއެޗް 6 އާއި 7 އާ ދޭތެރޭ ބެހެއްޓޯތޯ ބަލާށެވެ. މާބޮޑަށް އެސިޑިކް ނަމަ ލައިމް (އުވަ) ނުވަތަ އެހެންވެސް ބޭސްއެެއް ފަސްގަނޑާ އެއްކުރާށެވެ. މާބޮޑަށް އަލްކަލައިން ނަމަ ފަސްގަނޑަށް ސަލްފާ އެއްކުރާށެވެ.
ނިއުޓްރިއެންޓް އެނަލިސިސް:
ަފަސްގަނޑުގެ މުއްސަނދިކަން އަދި އެއްވެސް އުނިކަމެއް ހުރިކަން ދެނެގަތުމަށްޓަކައި ނައިޓްރޯޖަން (އެން)، ފޮސްފަރަސް (ޕީ)، ޕޮޓޭސިއަމް (ކޭ)، އަދި މައިކްރޯނިއުޓްރިއެންޓްސް ފަދަ މުހިއްމު އުންސުރުތައް ހޯދުމަށް ޓެސްޓްކުރުން އެދެވިގެންވެއެވެ. ނަމަވެސް މިއީ ރާއްޖޭގައި ކުރެވުން ނާދިރުކަމެކެވެ. މިޓެސަޓުގެ ނަތީޖާއަށަ ބަލައި އުނިވާ އުންސުރު ނުވަތަ ކަނާދު އެކުލެވޭ ގަސްކާނާއެއް ފަސްގަނޑާ އެއްކުރާށެވެ.
ޑްރެގަންފުރުޓުގެ ތަފާތު ވައްތަރުތައް މިހާރު ރާއްޖޭގައި ދަނީ އާއްމުވަމުން
ފަސްގަނޑަށް ތަކެތި އެއްކުރުން
ގުދުރަތީ ގަސްކާނާ:
ރަނޅަށް ފަނާވެފައި ހުންނަ ކާދު ނުވަތަ ގެރިގުއި ފަސްގަނޑާ އެއްކުރާށެވެ. 3 ފަހަށް 2 ކާދު ވެސް ރަނގަޅެވެ.
ވެލި ނުވަތަ ޕާލައިޓް:
ދޫ ފަސް، ނުވަތަ ފުއް ބޮޑެތި ކުޑަކޮށް ރާޅު ވެލި ނުވަތަ އެވަރުގެ ހިލަވެލި ހިމެނޭގޮތަށް ފަސްގަނޑު ތައްޔާރުކުރާށެވެ. ފެން ދޭންފެށުމުން ފަސްބާރުވެ ޗަކަ ހެދޭ ޒާރުގެ ފަސްގަނޑެއް ނަމަ ޕާލައިޓް އެއްކުރުން އަދި މާ ރަނގަޅުވާނެއެވެ. ޕާލައިޓަކީ ވިއްކަން ހުންނަ ލުއި، ކުދި އަދި މުރަނަ ހިލަކޮޅުތަކެކެވެ.
ފަސްގަނޑު ތައްޔާރުކުރުމުގެ މަރުޙަލާތައް
ސަރަހައްދު ސާފުކުރުން:
ގަސްއިންދާ ތަނުން ވިނަ، ކުނި، އަދި ގައު ނަގައި ސާފުކުރާށެވެ.
ފަސްގަނޑު ޖެހުން:
ސީދާ ބިންމަތީ ޑްރެގަންފުރުޓު ހައްދާނަމަ ފެން ހިނދުމާއި ފަސްގަނޑުތެރޭގައި ވައި ދައުރުކުރުން ރަނގަޅުކުރުމަށް ޓަކައި ގާތްގަނޑަކަށް 12-18 އިންޗި (30-45 ސެންޓިމީޓަރު) އަޑިއަށް ފަސްގަނޑު ޖަހައިލާށެވެ.
ފަސްގަނޑަށް ތަކެތި އެއްކުރުން:
ކާދު، ޕަރލައިޓް، ފުއް ބޯ ހިލަވެލި، ނުވަތަ ޕާލައިޓު ފަސްގަނޑާ ރަނގަޅަށް އެއްކޮށްލާށެވެ.
އުސް ބެޑު ހެދުން:
ޚާއްޞަކޮށް ބޯކޮށް ވާރޭވެހޭ ނުވަތަ ފެން ހިނދުން ކުޑަ ސަރަޙައްދުތަކުގައި ފެން ހިނދިގެން ދިޔުން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ބިމަށް ވުރެ އުސްކޮށް ބެޑު ނުވަތަ މައުންޑް ހަދާށެވެ. ފީފާ ބުރިއެެއް ނުވަތަ އެޅިގަލުން ރާނައިގެން ބެޑު ހެދިދާނެއެވެ. ބިމުން ފެށިގެން އުސްމިނުގައި 12 އިންޗި ވަރު، އަދި ފުޅާ މިނުގައި 3 ފޫޓު ހުންނަ ހަތަރެސްކަން އެއްވަރު ނުވަތަ ވަށް ބެޑު ހަދާށެވެ. ބެޑުގައި ހައްދާއިރު ފަސްގަނޑު ޖެހުމުގެ ބަދަލުގައި ބެޑުން 18 ވަރަކަށް އިންޗި ފުންމިނަށް ފަސް ގަނޑު ނަގާށެވެ. ދެން ފަސްކޮޅު ފުރާނައިގެން އެއްކައިރިކޮށް އެފަހަށް ކުރިން ދެންނެވި ފަސްގަނޑާ އެއްކުރާ އެއްޗެހި އަޅައި އެެއްކޮށްލާފައި ބެޑުތެރެއަށް އަޅާށެވެ. ބެޑުގެ މަތީ ކައިރިއާ ހަމަވާ ވަރަށް އެޅުމުން ފެންް ޖަހައިލުމުން 2 އިންޗި ވަރު ފަސްގަނޑު އަޑިއަށް ދާނެއެވެ.
މަލްޗިން: ހިކި ފަތް ނުވަތަ ހިކި ހައި ގަސް ބުޑަށް ފަށަލައަކަށް ވާގޮތަށް އަޅާފައި ބަހައްޓާށެވެ. މި މަރުޙަލާ ފުރިހަމަ ނުކުރިޔަސް އެންމެ ރަނގަޅެވެ. ބޭނުމަކީ ވިނަ ފެޅުން މަދުކުރުމާއި ތެތްކަން ހިފެހެއްޓުމާއި ފަސްގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ބެހެއްޓުމެވެ.
ޑްރެގަންފުރުޓު ހައްދާއިރު ގަސް މިގޮތަށް ހައްދާ
ފެންދިނުން:
ފަސޭހައިން ފެން ދެވޭނެ ނިޒާމެއް ގާއިމުކުރާށެވެ. ފެންދޭނީ ފަސްގަނޑު އެއްކޮށް ހިކި ހިރަފުސްވާހެން ހީވާން ފެށުމުންނެވެ. ހަފުތާއަކު 1 ދުވަހު ފެން ދިނުމުންވެސް ފުދޭނެއެވެ. ނަމަވެސް މިއީ މިންގަޑެއް ކަމުގައި ނުބަލައި ފަސްގަނޑު އެއްކޮށް ހިކި ހިރަފުސް ވާހެން ހީވުމުން ފެންދޭށެވެ. ރަނގަޅަށް ފަސްގަނޑު ތެމޭ ވަރަށް ފެންދޭ ދުވަހު ދޭންވާނެއެވެ. ހެޔޮގޮތުގައި ރަނގަޅަށް ފެންބޭނުން ކުރުމާއި ރަނގަޅު މިންވަރަށް ފެންދިނުމަށް ހޮޅިން ތިކިޖަހާ ފެންދޭ ނިޒާމެއް ބޭނުންކުރުމަކީ ރަނގަޅު ކަމެކެވެ. ފެން ހިނދިގެން ދާކަން އަބަދުވެސް ޔަގީންކުރަން ވާނެއެވެ.
އިތުރު ކާނާ ދިނުން:
ޑްރެގަންފުރުޓު ގަސް ހެދޭ މޫސުމުގައި ނުވަތަ ފޯދޭ އުމުރާ ހަމައަށް ދާންދެން ބެލެންސްޑް ކާނާއެއް (10-10-10 ފަދަ) ބޭނުންކުރުން ރަނގަޅެވެ. ގަސް ހ އޮށް ކާނާ ނަމަ 15 ދުވަހުން ބެޑަކަށް 15 ގުރާމް ވިއްސާލުން ރަނގަޅެވެ. ދިޔާ ނުވަތަ ފުށް ކާނާ ނަމަ 2 އެމްއެލް/ގުރާމް 1 ލިޓަރު ފެނުގެ ނިސްބަތުން ގިރައި ހަމަ މި މުއްދަތުން ފެންދޭހެން ދެވިދާނެއެވެ. ވަކި ކަނާދެއް ބޭނުންވާ ކަން ގަހަށް އަންނަ ބަދަލުތަކުން ފާހަގަކޮށް ނުވަތަ ސޮއިލް ޓެސްޓް ހަދައިގެން އެ ކަނާދެއް އެކުލެވޭ ޚާއްސަ ކާނާއެއްވެސް ދެވިދާނެއެވެ. ގަސް ފޯދޭ އުމުރަށް އެޅުމުން ޕޮޓޭސިއަމް ކަނާދު، ފޯދުމުން ފޮސްފޮރަސް ކަނާދު އެކުލެވޭ ކާނާއެެއް ދިނުން ރަނގަޅެވެ.
ލީނާޒުގެ ބަގީޗާއިން ޑްރެގަންފުރުޓުގެ ތަފާތު ވައްތަރެއް
ގަސް އިންދުން:
ދުރުމިން:
ޑްރެގަންފުރުޓް ގަސް އެއްގަހާއި އަނެއްގަހާ ދޭތެރޭ ގާތްގަނޑަކަށް 3-5 ފޫޓު ދުރުމިނުގައި ހެއްދުމުން އެކަށީގެންވާ ގޮތެއްގައި ވައި ދައުރުވެ ގަސްތައް ރަނގަޅަށް ހެދިބޮޑުވުމަށް މަގުފަހިކޮށްދެއެވެ. ބަރިއަކަށް ގަސް ސެޓެއް ހައްދާނަމަ ވެސް 3 ފޫޓަށްވުރެ އެއްގަހާ އަނެއް ގަސް ކައިރިކުރުން ރަނގަޅެއް ނޫނެވެ. އެގޮތަކީ މޭވާ އަޅުވަން އަމާޒުކުރާ ކުރިތައް ވަށައިގެން ނުވަތަ ދެ ފަރާތަށް އެލުވައިލުމުގެ ވިސްނުންވެސް ގެންގުޅެން ޖެހެއެވެ.
ހަރު ހެދުން:
ޑްރެގަންފްރުޓް ގަސް ހައްދަން އެންމެ ރަނގަޅީ ހަރު ހަދައިގެންނެވެ. ހަރޭ މިދަންނަވަނީ މުޑި އަކަށެވެ. މިހާރު ފުޅާމިނުގައި 6 އިންޗި، އުސްމިނުގައި 4.5 ފޫޓު ހުންނަ ހަތަރު ބިތް ކޮންކްރިޓް ތަނބުވެސް ހަދައި އުޅެއެވެ. ތަނބުގެ މަތިން ތަނބުގެ މެދަށް ލާ ދަގަނޑު ނެރެލާފައި ދަނގަޑު ތެރެއަށް ދިގުމިނުގައި 3 ފޫޓު ހުންނަވަރުގެ އެއްކުރާ ފާހަގައެއްގެ ބައްޓަމަށް ދެ ލަކުޑިކޮޅު ހުރަސްކޮށްލައި އެއަށް ޓަޔަރެއް ހަރުކޮށްފައިވެސް ހުރެއެވެ. އެއީ ކުރިތައް އޭގެ މަތިން ބޭލުމަށެވެ. ކޮންމެ ގޮތަކަށް ތަނބާއި ކުރިތައް އެލުވާ 'ބޯ' ތައްޔާރުކުރި ކަމުގައި ވިޔަސް ގަސް އިންދުމުގެ ކުރިން މިކަންކަން ކޮށް ނިންމާފައި ބަހައްޓަންވާނެ އެވެ.
ޙަސަން ތައްޔާރު ކުރި ޕީވީސީ ހަރެއް. މިގޮތަށް ހަރާއި ޕޮޓު ތައްޔާރުކޮށްގެން ވިއްކަން ޙަސަން ގަސްދުކުރޭ
އިންދުން:
ގަސް ނުވަތަ ކުރި އިންދާނީ ތަނބުގެ ކޮންމެ ފަރާތެއްގައި ގަހެއް ނުވަތަ ކުރިއެކެވެ. 2 އިންޗި ވަރު ފުންކޮށް އިންދާފައި ފަސް ބާރުކޮށްލާފައި ފެންދޭން ވާނެއެވެ.
މިގެނެސްދެވުނު ގޮތަށް ކަންތައްކުރުމުން ޑްރެގަންފުރުޓު ހެއްދުން ކާމިޔާބުކުރެވޭނެއެވެ. މަސައްކަތްކުރާއިރު ގެނެސްދެވުނު ތަރުތީބުން ކަންތައް ނުކޮށް ވީހާވެސް ޢަމަލީގޮތުން ލުއި އަދި ފަސޭހަކޮށް ކަންތައް ކުރާށެވެ. މަރުޙަލާތައް އިސްފަސްކޮށްގެން ތަރުތީބަކުން ކުރިއަށް ގެންދާށެވެ.
ލީނާޒު ގޯތިތެރޭގައި ހައްދާފައިވާ ގަހެއްގައި ފުރުޓު އަޅާފައި
މި ލިޔުމުގައި ޑްރެގަންފުރުޓު ގަސް ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި ފުރުޓު އެޅުވުމަށް ބާރުއެޅުމަށް ކުރި ކެނޑުމާއި ދާރަ ކޮށުން ފަދަ ކަންކަން ގެނެސްދެވިފައި ނުވަނީ ލިޔުން ދިގުވެގެން ދާތީއެވެ. އެހެންނޫނަސް ދަނޑުވެރިކަމަކީ ލިޔެކިޔުމުން ކުރެވޭ ކަމެއްވެސް ނޫނެވެ.
ޒުވާން ދަނޑުވެރިޔާ، ރަމްޒީ ހަރު ތައްޔާރުކުރާ ގޮތް. ރަމްޒީ އަކީ ފުޅާކޮށް ޑްރެގަންފުރުޓު ހައްދާ ޒުވާނެއް
ކުރަމުން ތަޖުރިބާކުރަމުން އަހައި އޮޅުންފިލުވަމުން ކުރިއަށް ދާށެވެ. ކޮންމެ ދުވަހަކީވެސް ދަސްކުރާ ދުވަހަކަށް ހަދާށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!