ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ ދަރަންޏާ ބެހޭ ބިލް އަވަސް ކުރަން އަންނަ އާދިއްތަ ދުވަހު މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލިހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހު އެވެ. ދަރަންޏާ ބެހޭ ބިލަކީ މަޖިލީހުގެ މި ދައުރުގައި ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 37 ބިލުތަކުގެ ތެރޭގައި ހިމެނޭ ބިލެކެވެ. އެޖެންޑާގައި އޮތީ ބިލާ މެދުގައި ބަހުސް ކުރުމެވެ.
އެޖެންޑާގައި ދެން ހިމެނޭ ކަންކަމުގެ ތެރޭގައި ތުރުކީއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ހަމަޖެއްސުމާއި ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޕާކިސްތާނުގެ ސަފީރަކަށް ބަދަލު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުން ހިމެނެއެވެ.
އަދި 'ސަމާއޯ އެގްރިމަންޓު'ގައި ރާއްޖެއިން ސޮއިކުރުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ފޮނުވައްވާފައިވާ މައްސަލަ ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހެޅުން ހިމެނެއެވެ.
އާދިއްތަ ދުވަހަކީ އާންމުކޮށް މަޖިލިހުގެ ޖަލްސާތައް ބާއްވަމުން އަންނަ ދުވަހެއް ނޫނެވެ. ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!