ޗައިނާގެ ޗޮންޗިން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ޗައިނާގެ ޗޮންޗިން ސިޓީއިން ސްރީލަންކާގައި ޓްރާންސިޓްކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެ އެއާލައިންގެ ފުރަތަމަ ފްލައިޓަށް މަރުހަބާކިޔުމަށްވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. 82 ފަސިންޖަރުންނާއެކު ޗޮންޗިން އެއާލައިންސްގެ ފްލައިޓް ވީއައިއޭގައި ޖައްސާފައިވަނީ އިއްޔެ ހަވީރު 05:40 ގައެވެ.

Ad
rt

މި އެއާލައިނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޝިންގާއި، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އަދި، ޗޮންޗިން އެއާލައިންގެ ވައިސްޕްރެސިޑެންޓް ޝިޔެ ޖިންގޕިންގާއި، އެމްއެމްޕީއާރުސީ އާއި މަޓާޓޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައިކަމަށެވެ. އަދި، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއާލައިންތައް ގެނައުމަށްއަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އިޝާރަތްކުރައްވާ ޝަރީފް ވިދާޅުވީ، ޗައިނާގެ މުހިންމު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަކީ އިޤްތިސާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުންއަންނާނެ ކަމެއް ކަމަށެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާކަން ފާހަގަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކުން ގުޅިގެން ކުރާމަސައްކަތްތަކަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ވައިސް ޕްރެޒިޑެންޓް، ޝިޔެ ޖިންގޕިންގ ވަނީ ދެ މަންޒިލް ގުޅުވާލުމުން އުފެދިގެންދާނެ އިޤްތިސާދީ ފުރުސަތުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޗޮންޗިން ސިޓީއަކީ ޗައިނާގެ އިޤްތިސާދީ އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ސިޓީއެއްކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މި އުފެދުނު އައު ގުޅުމުގެ ސަބަބުން ހެޔޮއަސަރުތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޗޮންޗިން އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރާނެއެވެ. މިދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ.

ޗައިނާގެ ތިން އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެއީ ބެއިޖިން ކެޕިޓަލް،ސިޗުއާން އެއާލައިންސް އަދި ޗައިނާ އީސްޓާންއެވެ.