ކިއުކަމްބާ ހައްދާއިރު ކުރިމަތިވާ އެއް މައްސަލައަކީ ކިއުކަމްބާ ބުޅިވުމެވެ.
ކިއުކަމްބާ ބުޅިވުމަކީ ކޮބާ؟
ކިއުކަމްބާ ބުޅިވުމަކީ ކިއުކަމްބާގެ ކޮންމެވެސް އެއްކޮޅަކަށް ނުވަތަ މެދަށް ހިމަވެ، ކޮންމެވެސް ވަރަކަށް ރޫޖެހި އައިބުވުމެވެ. ބުޅިވާ ހިސާބު ހުންނަނީ އެނބުރިފައެެވެ.
އެހެން މައްސަލަތައް
ކިއުކަމްބާ ވަނދަށް ވެއްޓުމާއި ރީނދޫވެ، އޭގެފަހުން ހިކިގެން މުށި ކުލަ އަރައި ވެއްޓުމަކީ އަދި އެހެން މައްސަލައެކެވެ. ނަމަވެސް މި މައްސަލަ ވެސް އާއްމުކޮށް ދިމާވަނީ ހަމަ މި ދަންނަވާ ސަބަބުތަކާ ހުރެއެވެ.

ބުޅިވަނީ ކީއްވެ؟
ކިއުކަމްބާ ބުޅިވުމަަށް މެދުވެރިވަނީ މައިގަނޑު 7 ސަބަބަކާ ހުރެއެވެ. ވެލުގައި އަޅާ ކިއުކަމްބާ ބުޅިވަމުން ދާނަމަ އެހެން ދިމާވަނީ ސީދާ ކޮންސަބަބަކާ ގުޅިގެންކަން ފާހަގަކުރަން އެންމެ ފަސޭހަވާނީ ހައްދާ ފަރާތަށެވެ.
1. ރަނގަޅަށް މައު ޖޯޑުނުވުން
މައު ޖޯޑުވާއިރު ފުރިހަމައަށް ޖޯޑުނުވާ މަލުން ނުކުންނަ ކިއުކަމްބާ ބުޅިވެއެވެ. މިހެން ވަނީ ވޮޔޮގަނޑަށް ޖޯޑުކުރާ ސޫފި އައުން މަދުވުމުންނާއި މައު ނުކުންނަ ދުވަސްވަރު ވިއްސާރަވުމުންނެވެ.
2. ފެން ލިބޭ ގޮތް
ބިންގަނޑު ހިކިގެން ގޮސް މާ ގިނައިރު ވުމަަށްފަހު ކުއްލިއަކަށް ގިނައިން ފެން ލިބޭނަމަ ކިއުކަމްބާ ބުޅިވެއެވެ.

3. ކަނާދު އުނިވުން
ގަހަށް ބޭނުންވާ މާކަނާދުގެ ތެރެއިން ޕޮޓޭސިއަމްއާއި ފޮސްފޮރަސް ގަސްތަކަށް ބޭނުންވާ މިންވަރަށް ނުލިބޭނަމަ ކިއުކަމްބާ ބުޅިވެއެވެ. ގަސްކާނާ ދިންކަމުގައިވިޔަސް ފަސްގަނޑު ހުތްކަމުގެ އަދަދު 6 އާއި 6.8 އާ ދެމެދު ނުހުންނަ ނަމަ ކިއުކަމްބާ ގަހަށް ކާނާ ފޯރުމުގައި ހުރަސްއެޅެއެވެ.
4. ބަލި އަދި ބަލިޖައްސާ ސޫފި
ކިއުކަމްބާ ގަހުގައި ރަތްދޫނި އަދި އެފިޑު އެޅުމުން އަޅާ ކިއުކަމްބާ ބުޅިވާން މެދުވެރިވެއެވެ. އަދި ތަފާތު ފޫޖަހާ ބަލި ގަސްތަކުގައި އަށަގެންފައިވާނަމަވެސް މި މައްސަލަ ކުރިމަތިވެއެވެ.

5. ހޫނު މާގަދަވުން
ކިއުކަމްބާ އަކީ ގަދަ ހޫނުގައި ހެދޭ ގަހެއްކަމުގައި ވިޔަސް، މައު ނުކުންނަ ދުވަސްވަރާއި ހަރުވާ މުއްދަތުގައި މާ އަވި ބާރު ނަމަ އަޅާ ކިއުކަމްބާ ބުޅިވެއެވެ.
6. ގަސްތައް އިންދާފައި ހުންނަ ގޮތް
ކިއުކަމްބާ ގަސްތައް ހައްދާފައި ހުންނަނީ އެއްގަހާއި އަނެއް ގަސް ފޫޓަކަށްވުރެ ކައިރީގައި ކަމަށް ވާނަމަ ކާނާ ހޯދުމާއި އުފެެއްދުމުގައި އެއް ގަހާއި އަނެއް ގަސް ވާދަކުރަން ޖެހެއެވެ. މިހެން ވުމުން އަޅާ ކިއުކަމްބާ ބުޅިވެއެވެ. އަދި ވެޔޮގަނޑު އިންދާފައި ހުންނަ ގޮތުން ވެޔޮގަނޑަށް ހަމައެކަނި މެދުޖެހޭ އިރަށްވުރެ ފަސްކޮށް އަވި ލިބޭގޮތަށް ހުރުމުންވެސް ކިއުކަމްބާ ބުޅިވެއެވެ. ދެފަރާތަށް އަރާގޮތަށް ވެޔޮ ހައްދާއިރު ވެސް އިރުން ހުޅަނގަށް ދިގަަށް ވެޔޮ ބަރި ހެއްދުން ރަނގަޅެއެވެ.

7. މުޑުވަކުގެ މައްސަލަ
ބައެއް ކިއުކަމްބާ މުޑުވަކަކީ ބަލި ގިނަ އަދި ރަނގަޅަށް މައު ޖޯޑުނުވާ މުޑުވަކެވެ. ފިހާރާގައި މާގިނަ ދުވަހު ހޫނު ވާގޮތަަށް ބަހައްޓާފައި ހުންނަ އޮަށް ޕެކެޓު ބޭނުންކުރުމުންވެސް މިހެން ދިމާވެއެވެ. ޖުމްލަކޮށް، ކިއުކަމްބާ މުޑުވަކުގެ ތަބީއީ ސިފަތައް ހުންނަ ގޮތުންނާއި މުޑުވައް ރައްކައުކުރެވިފައި ހުންނަ ގޮތުން އެފަދަ މުޑުވަކުން ހައްދާ ގަހުގައި އަޅާ ކިއުކަމްބާ ބުޅިވުމަށް މެދުވެރިވެއެވެ.

ޙައްލަކީ ކޮބާ؟
ލިޔުން ކިޔުއްވާ ފަރާތްތަކުން އެންމެ އެދޭނީ މި މައްސަލަތަކުގެ ޙައްލަށްކަން ޔަޤީނެވެ. ނަމަވެސް ފަށަމުން ދެންނެވި ފަދައިން ވެލުގައި އަޅާ ކިއުކަމްބާ ބުޅިވަމުން ދާނަމަ އެހެން ދިމާވަނީ ސީދާ ކޮންސަބަބަކާ ގުޅިގެންކަން ފާހަގަކުރަން އެންމެ ފަސޭހަވާނީ ހައްދާ ފަރާތަށެވެ.
ޙައްލަކީ ސަބަބު ނައްތައިލުމެވެ. އިތުރު އެހީތެރިކަން ބޭނުންވާނަމަ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މިފަދަ ކަންކަމުގެ ލަފާދެއްވުމަަށް ހަމަޖައްސާފައި ވާ ފޯނުތަކަަށް ގުޅުއްވިދާނެއެވެ. ނުވަތަ ދަންނަ ކަމާބެހޭ މާހިރެއްގެ އެހީ ހޯއްދެވިދާނެއެވެ.

ތަޖުރިބާ ހުރި ދަނޑުވެރިއެއް ކުރެންވެސް އެއްސެވިދާނެއެވެ. އަޅުގަނޑުމެންގެ އެހީތެރިކަމެއް ނުވަތަ ލަފައެއް ބޭނުންވާ ނަމަ ޕޭޖަށް މެސެޖުކޮށްލެވިދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!