ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީގެ ތަފާތު ޓުވީޓުތަކުން ޓުވީޓެކެވެ. " ދޮށީ އަތްބަށް ނާންގައި އެހެން ކައިވެންޏެއް ކުރުން ހުއްދަތޯ؟"

" ‏ދޮށީ އަނތްބަށް ނާންގައި ސިއްރުން އެހެން ކާވެންޏެއް ކުރުން އިސްލާމް ދީނުގައި ހުއްދަ ހެއްޔެވެ؟ ދީނީ ޢިލްމުވެރިޔަކު ނިކަން ޖަވާބެއް ދެއްވަބައްލަވާށެވެ!"

Ad
rt

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ވަނީ ތަފާތު ޓުވީޓުތަކެއް މީސް މީޑިއާއަށް ދޫކުރައްވާފައެވެ. އިސްވެ މި ހިމަނާލި ޓުވީޓުން ފަށާނަމެވެ.

އަޝްރަފްގެ ޓުވީޓުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވި އެއްބޭފުޅަކީ އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްމާޢީލް ހަބީބެވެ.

ހަބީބު ސުވާލު ކުރެއްވީ " ‏‎އެކަހަލަ ކަމަކާ ލައިގަތީތޯ؟" އެވެ.

ދިވެހި ވާހަކަ ލިޔުމުގެ ރޮނގުން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ، މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މޫސާ ސާއިދުވެސް އެވާހަކާގައި ބައިވެރިވެލައްވައި، ޚިޔާލު ފާޅު ކުރެއްވިއެވެ.

މޫސަގެ ނަޒަރުގައި މޫސައަކީ ދީނީ ޢިލްމް ވެރިއަކަށް ނުވިޔަސް އެސުވާލަށް ޖަވާބު ދެވިދާނެއެވެ. އަޝްރަފް އެފަދަ ކަމަކާ ވިސްނަވަނީތޯ އެއްސެވުމަށްފަހު މޫސަ ވިދާޅުވީ، ހުއްދަ ވާނެކަމަށެވެ.

ދީނީ މަޢުލޫއަކަށްވާތީ ސަމާސާ ރަހައިން ނެއްޓި، އެހެން ޓުވީޓަކަށް ޖެހިލާނަމެވެ.

މިފަހަރު އިބުރަތްތެރި ވާހަކައެއް ބުނެދޭ ރަހަ ތަފާތު ޓުވީޓެކެވެ. " ‏ކަމެއް ރަނގަޅުވަމުން އަންނަތަން ފެނުމުން ނުނިޔަތާއި ހިތު ހަސަދަ ބަޔަކު ލައިފިތަ. އެ ކަމެއް ފަނާވުން ނޫން ކަމެއް ނުވޭ " އަޝްރަފް ވިދާޅުވެފައި ވެއެވެ.

އަޝްރަފަކީ ދިވެހި ބަހަށް މޮޅު ބޭފުޅެކެވެ. ބަހުގެ ފަންނަށް އަރާހުންނެވި ބޭފުޅެކެވެ. އެފަދަ ބޭފުޅުން ދެއްވާ އިބުރަތްތެރި މެސެޖްތައް ދަސްކުރުމީ އަޅުގަނޑުމެން މި ހަލަބޮލި ދުނިޔެއަށް އިތުރަށް ލޯހުޅުވާލަދޭ ކަމެކެވެ.

އަޝްރަފްގެ ޓުވީޓުތަކުން ދެންވެސް ހޮވާލެވެނީ އިބުރަތުން ފުރިގެންވާ މެސެޖެއްދޭ ޓުވީޓެކެވެ. " ‏ތަނެއްގައި ދެ މޫނުލީ މީހުން ގިނަވެއްޖެތަ، އެ ތަނެއް ފަސާދަވެ ހަލާކު ވެދާނެ!" އަޝްރަފް ޓުވީޓު ކުރައްވާފައި ވެއެވެ.

އަޝްރަފްގެ ޓުވީޓުތައް ތަފާތުވެފައި އިބުރަތްތެރިއެވެ. ދޭމެސެޖުގެ ބާރުގަދައެވެ. ކިޔާލައި ދަސްކުރުން ބޭނުންތެރި ބަސްތަކެއް ގެނެސްދެއްވާފައިވެއެވެ.

" ކުރިއެރުމާއި ތަހުޒީބުގެ ބާރާއި ދިރުން ވަނީ، މައިންގެ އުނގުގައެވެ. ބަފައިންގެ ކޮނޑުގައެވެ. ދަރީންގެ ހިތުގައެވެ. ވެރީންގެ ދުލުގައެވެ. ރައްޔިތުންގެ މުލައްދަނޑީގައެވެ." ކިހާބުއްދިވެރި ވާހަކައެއްތޯއެވެ؟ ދެނެގަނެ މިބަސްތަކުގައި ހިފަމާތޯއެވެ؟

" އިތުބާރު ދަމަހައްޓާށެވެ. ގުޅުން ގާއިމުވެ ދާއިމު ވާށިއެވެ. ލޯބި އިތުރުވެ އުތުރި އަރާށިއެވެ."އަޝްރަފްގެ މިޓުވީޓުން މިފަހަރަށް ވަކިވެލާނަމެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން އަޝްރަފްކޮށް ދެއްވަމުން ގެންދަވާ ޤައުމީޚިދުމަތުގެ އިތުރަށް އެމަނިކުފާނުގެ ޓުވީޓުތަކުންވެސް އެދެއްވަނީ ބަހުގެ އަގުހުރި ފިލާވަޅުތަކެވެ. ދަސްކޮށް އުނގެނުމަށް އަޝްރަފްގެ ޓުވީޓާގެ ތެރެއަށް ފީނާލަށްވާށެވެ.