ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޕަބްލިކް ސޭފްޓީ މިނިސްޓަރުކަން ކުރެއްވި ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 87 އަހަރުގައި އަބްދުލްހަންނާން އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
އަބްދުލްހަންނާން ޕަބްލިކް ވޯކްސް މިނިސްޓަރުކަން ކުރެއްވީ 1968 އިން 1978 އަށް ވަނަ އަހަރަށެވެ. އަބްދުލްހަންނާން ހަލީމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދަށުން އެކުލަވާލި ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.
ރައީސް އިބްރާހިމް ނާސިރު އެކުލަވާލެއްވި ކެބިނެޓުގެ މިނިސްޓަރުންގެ ތެރެއިން މިއަދާ ހަމައަށް ދުނިޔޭގައި ހުންނެވި ހަމައެކަނި ކިލޭގެފާނަކީ އަބްދުލްހަންނާނެވެ.
އަބްދުލްހަންނާނު އަވަހާރަވުމުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފައެވެ. ރައީސް މުއިއްޒު ވިދާޅުވީ އަބްދުލްހަންނާނަކީ ދައުލަތަށް އެތައް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށާއި، އެބޭފުޅާ އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.
މަރުޙޫމް އަބްދުލްހަންނާންގެ އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށާއި ﷲ ގެ ރުއްސެވުމާ ފުއްސެވުމުގައި އެކިލޭގެފާނުގެ ފުރާނަފުޅު ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިއުމަތްދެއްވުން އެދި ހެޔޮ ދުއާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!