މާލެ ސަރަހައްދުގެ ހަ ތަނެއްގައި މިފަހަރު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތް އަޟްހާ އީދުގައި މާލޭގެ 28 މިސްކިތެއްގެ އިތުރުން ހަ ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

Ad
rt

ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ނިންމާފައި ވަނީ މާލޭގެ އިސްލާމީ މަރުކަޒު، ކިންގް ސަލްމާން މިސްކިތް، މާފަންނު ސްޓޭޑިއަމް، ވިލިމާލެ ބޯޅަދަނޑު، ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ އާދިއްތަ ވާ އަޟްހާ އީދު ދުވަހު ވާރޭ ވެހިއްޖެ ނަމަ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރާނެ ކަމަށެވެ. އެކަމަކު، މާލޭގެ މިސްކިތްތަކުގައި އީދު ނަމާދު ކުރުން އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ނަމާދަށް އަންނަ މީހުން ފެންފުޅި އާއި މުސައްލަ ހިފައިގެން އައުމަށާއި ގެއިން ވުޟޫކޮށްގެން އައުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ގޮނޑީގައި ނަމާދު ކުރާ މީހުންނަށް އެ ގޮނޑި ފޯރުކޮށްދޭނެ ކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ އަމިއްލަ އަތުގައި ގޮނޑި ހުރެއްޖެ ނަމަ ހިފައިގެން އައުމަށް އެދޭ ކަމަށެވެ.