އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވަމުންދާ އެންމެ އުފާވެރި ދުވުން ، ފަން ރަންގެ ލާމު އެޑިޝަންގައި ބައިވެރިވުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ލ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދު އަށް ދީފިއެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 5000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

Ad
rt

ފަން ރަން ލާމު ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 05 ޖުލައި 2024 ގައެވެ. މިއީ މިއަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތައްވެގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫން ވަނީ ހުޅުވާލާފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށްދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.