އެމްއެމްޕީއާރުސީ އިން ކުންފުންޏަކަށް ދޫކުރި ކަމަށް ބުނާ 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) ހޯދަން ކުރި ދައުވާ ހައި ކޯޓުން ވެސް އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ.
އެމްއެމްޕީއާރުސީން މިލީނިއަމް ކެޕިޓަލްސް މެނޭޖްމަންޓް ކުންފުންޏާ ދެކޮޅަށް ދައުވާކުރީ 2014 ވަނަ އަހަރު ޕްރޮމިސަރީ ނޯޓެއްގެ ދަށުންނާއި ދޫކުރި ފަސް މިލިއަން ޑޮލަރާއި އަދި އަނބުރާ ދައްކާ ގޮތަށް ދިން 1.5 މިލިއަން ޑޮލަރުގެ ތެރެއިން 2.5 މިލިއަން ޑޮލަރު އަނބުރާ ނުދީ އޮތް ކަމަށް ބުނެ އެވެ.
ސިވިލް ކޯޓުން 2019 ވަނަ އަހަރު ނިންމީ އެ ދައުވާ ސާބިތުނުވާތީ އެ ފައިސާ ދޭން މިލޭނިއަމްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ އެމްއެމްޕީއާރުސީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ނިންމުން ގާނޫނާ ހިލާފްވާ ގޮތެއް އެމްއެމްޕީއާރުސީއަށް ހައި ކޯޓުގައި ބުނެދެވިފައި ނުވާ ކަމަށެވެ.
ހުކުމުގައިވާ ގޮތުން ސިވިލް ކޯޓުގައި މައްސަލަ ހިނގިއިރު އެ ލިޔުން ހުށަނޭޅި ސަބަބެއް އެމްއެމްޕީއާރުސީއަށް ބުނެދެވިފައެއް ނުވެ އެވެ. އަދި އާ ހެއްކެއް ލިބުނު ކަމަށް ބުނެ އެ މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހުވީލު ނުކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ، ސިވިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!