ގިނަ ރިސޯޓު ތަކުން ސާވިސް ޗާޖު ބެހުމުގައި ގާނޫނާއި ގަވާއިދު ތަކަށް އަމަލުކުރާކަމަށް ރިސޯޓު އޯނަރުން ހިމެނޭ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.
އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ގިނަ ރިސޯޓު ތަކުން ސާވިސް ޗާޖު ބެހުމުގައި ގާނޫނާއި ގަވާއިދު ތަކަށް އަމަލުކުރާ ކަމަށާ، ސާވިސް ޗާޖު ބެހުމާ ބެހޭ ގަވާއިދަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖު ބަހާ ގޮތާ ބެހޭ ގޮތުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަ ފުޅަކާ ގުޅިގެން، މައްސަލަ ހޫނުވެފައިވަނިކޮށް، މަޓީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގައި ހިންގާ ރިސޯޓު ތަކަކީ އެކި ފަންތި އަށް އަދި އެކި ގިންތި އަށް ނިސްބަތްވާ ރިސޯޓު ތަކެއް ކަމަށާއި އެ ތަންތަނުން ދެވޭ ހިދުމަތްތަކުގެ ގޮތުންނާއި އަގުގެ ގޮތުން ވަރަށް ތަފާތު ތަންތަން ކަމަށެވެ.
އެހެންކަމުން މުވައްޒަފުންނަށް ޖެހޭ ސާވިސް ޗާޖު ހިސާބު ކުރެވެނީ ވެސް، އެ ރިސޯޓަކަށް ލިބޭ ވަރާއި ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދުން ކަމަށް މަޓީން ބުނެފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ރާއްޖެ އަށް މި ވަގުތު އެންމެ މުހިންމު ސިނާއަތް ކަމަށާ، އެ ސިނާއަތަކީ މި ވަގުތު މުޅި ރާއްޖެ ބަރޯސާ ވެގެން ތިބި ސިނާއަތް ކަމަށެވެ. އަދި މި ސިނާއަތަކަށް އަންނަ ކޮންމެ ކުރިއެރުމަކީ ރާއްޖެ އަށް އަންނާނެ ކުރިއެރުމެއް ކަމަށާއި، މި ސިނާއަތަށް އަންނަ ހީނަރުކަމެއްގެ އަސަރު ހުރިހާ ދިވެހިންނަށް ވެސް ކުރާނެ ކަމަށް މަޓީން ބުނެފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ބާނީގެ ގޮތުގައި ހިމެނޭ، ޗަމްޕާ ހުސެއިން އަފީފް އާއި މުހައްމަދު އުމަރު މަނިކް (އެމްޔޫ މަނިކް) ވެސް ހިމެނިވަޑައި ގަންނަވާ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުމާއި އަދި ރެގިއުލޭޓް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރެވޭ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!