އަނބުގަހަކީ ބިޔަކޮށް ހެދޭ ގަހެކެވެ. ނަމަވެސް އެއްގޮތަކުން ވުރެ ގިނަ ގޮތްގޮތުންވެސް ރަނގަޅު ގޮތަކީ ދޭތެރެދޭތެރެއިން އަނބުގަސް ކޮށަމުން ގަސް ހެއްދުމެވެ.
ކޮންމެ އަހަރަކު މާބޮޑަށް ގަސް ކޮށައި ބައްޓަންނުކުރިޔަސް އަނބުގަސް ހައްދަންވާނީ ކޮށައިގެންނެވެ. އެގޮތުން އަނބުގަހުގެ އެކި އުމުރު ފުރާތަކުގައި ގަސްކޮށަން ޖެހޭ ގޮތާއި ކޮށަންޖެހޭ ސަބަބުތައް ތަފާތެވެ.
އަނބުގަސް ޅައިރު
އަނބުގަސް ޅައިރު (ގާތްގަނޑަކަށް 2 ފޫޓަށް ހެދުމުން) ކުރި ބުރިކޮށްލާށެވެ. ތޫނު ކަތުރެއް ނުވަތަ ވަޅިއެއް ބޭނުންކޮށްގެން ކަތިކޮށް ބުރިކޮށްލާށެވެ. ބުރިކޮށްލިތަނުގައި ސުކޫލް ވައިޓު ގުލޫކޮޅެއް ހާކައިލާ ސީލްކޮށްލުން ރަނގަޅެވެ. ވާތްފަރާތު ފުރަތަމަ ފޮޓޯއަށް ބަލާށެވެ.

މި މަރުހަލާގައި ކުރި ބުރިކޮށްލުމުގެ ބޭނުމަކީ ގަސް އަވަހަށް ގޮފިކުރުމެވެ.
އަނބުގަސް ކުޑައިރު
އަނބުގަސް ގޮފިވެ ދެ ގޮފި ޖަހައި ހަރުވުމުން ގޮފީގެ ތިރިން 2 ފަތް ބޭންދުމަށްފަހު 2 ގޮފިވެސް ބުރިކޮށްލާށެވެ. އެ 2 ގޮފީގެ ކުރިން ފަޅާ 2 ކުރި އިތުރުގޮފީގެ ގޮތުގައި ބަހައްޓަން ވިސްނައި ދެން ހުރި ކުރިތައް ގަހާ ވަކިކޮށްލާށެވެ. މައިކުރިވެސް މިގޮތަށް ބުރިކޮށް ގޮފިކުރާށެވެ. މައި ކުރި ފިޔަވައި، ދެން ހައްދަ ގޮފިތައްވެސް އިތުރަށް 3 ފަހަރު މިގޮތަށް ކޮށާށެވެ.

މި އުމުރުގައި ގަސްކޮށުމުގެ ބޭނުމަކީ ގަހުގެ ހެދުން އަވަސްކުރުމާއި ގިނަ ގޮފި އަދި ގަހުގެ ބެލެންސް ހިފެހެްޓޭގޮތަށް ގަސް ހެއްދުމެވެ. އަދި ފޯދޭ އުމުރު އަވަސްކުރުމެވެ.
އަނބުގަސް ފޯދޭ އުމުރު
ގަސް ފޯދޭ އުމުރަށް ދިޔުމުން ގަހުގެ މަތި ވަށްކޮށް ކޮށައިލާށެވެ. މި މަރުހަލާގައި ގަހުގެ އެތެރެއަށް ވާގޮތަށް ޖަހާ ގޮފި ނުވަތަ ކުރިތަކާއި ގޮފިތަކުގެ ދެފަރާތުން އެއް ސީދަލަށް ޖަހާ ކުދި ގޮފި ނުވަތަ ކުރިތައް ވެސް ކޮށާލާށެވެ. ގަހުގެ މައިގަނޑު އެންމެ ދިގުވެގެން 3 މީޓަރަށް ހެއްދުމަށް ވިސްނައިގެން އޭގެ ތިރިން ޖަހާ ގޮފި، ނިރު ނުވަތަ ކުރިތައް ގަހާ ވަކިކުރަމުން ގެންދާށެވެ. ގަސް ފޯދުމުގެ ކުރިން މިގޮތަށް ދެތިން ފަހަރު ގަސް ކޮށުން ރަނގަޅެވެ.

މި މަރުހަލާގައި ގަސް ކޮށުމުގެ ސީދާ ބޭނުމަކީ ގަސް ބެލެހެއްޓުން ފަސޭހަކުރުމެވެ. ބަލި ޖެހިއްޖެ ނަމަ ބަލި މެނޭޖުކުރުމަށް ފަސޭހަކުރުމެވެ. ގޮފިތައް ބިންދައިގެން ދިޔުމުގެ ފުރުޞަތު ކުޑަކުރުމާއި ވައިން ގަހަށް ލިބިދާނެ ގެއްލުން ކުޑަކުރުމެވެ.
އަނބުގަސް ފޯދުމުން
އަނބުގަސް ފޯދުމުން އަނބު އަޅާ ކޮންމެ ފަހަރަކު އަނބު ބިނދެ ނިމި މަހެއް ވަރު ކޮށްލާފައި ގަހުގެ މައި ގޮފިތަކާއި ދެވަނަ ގޮފި ބަރި އަދި ތިން ވަނަ ގޮފި ބަރި ބަހައްޓާފައި ގަސް ކޮށާލާށެވެ. ތިން ވަނަ ގޮފި ބަރީގެ ކޮންމެ ގޮތްޕެއްވެސް ބުޑުން ފޫޓެއްހާ ދިގުމިން ބަހައްޓާފައި ބުރިކޮށްލާށެވެ. މީގެ އިތުރުން ބަލި ވެފައި ހުންނަ ކުރިތަކާއި، ގަހުގެ އެތެރެއަށް ހެދި ހުރަސް ގޮފިތައް އަދި ގޮފީގެ ދެފަރާތަށް ސީދަލަށް ހުންނަ ގޮފިތައް ބުޑުން ދެތިން އިންޗި ބެހެއްޓުމަށްފަހު ބުރިކޮށްލާށެވެ.
މި މަރުހަލާގައި ގަސް ކޮށުމުގެ ބޭނުމަކީ ގަހުގެ އުމުރު ދިގުކުރުމަށް އެހީވުމާއި، ގަސް ހެދިގަނެ ދެން އަނބު އަޅަންވާއިރަށް ގަސް ތައްޔާރުކުރުމެވެ.
އެހެންކަމުން މި އަނބު މޫސުން ނިމުމުން ގަސް ކޮށައިލާނީ ކޮންބައެއް ހެއްޔެވެ؟ ފޯދިފައި ހުންނަ އަނބުގަހެއް ހައްދަން އެންމެ ރަނގަޅީ ތަންކޮޅެއް ތިރިކޮށެވެ. އޭރުން އަނބު ބިންނަން ފަސޭހަވާނެ އެވެ. ވައު ފަދަ ތަކެތި ގަހަށް އައިސް އަނބު ކެއުން މަދުކޮށްދޭނެއެވެ. ގަހަށް ބަލިޖެހުން މަދުވެފައި ލޮނުގެ އަސަރުކޮށްގެން ފަތްތައް ހަލާކުވުން ވެސް ކުޑަވާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!