1968 ވަނަ އަހަރުގެ ތާރީޚީ އެޕޯލޯ 8 މިޝަންގައި ހަނދުގެ ވަށައިގެން ދަތުރުކުރި ފުރަތަމަ އެސްޓްރޮނޯޓުންގެ ތެރޭގައި ހިމެނޭ ވިލިއަމް އެންޑާސްގެ ޕްރައިވެޓް މަތިންދާބޯޓު މިދިޔަ ހުކުރު ދުވަހު ސިއެޓަލް ކައިރިއަށް ވެއްޓި މަރުވެއްޖެއެވެ.

އެންޑާސް މަރުވިކަން އޭނާގެ އާއިލާއިން ކަށަވަރުކޮށްދެމުން ބުނެފައިވަނީ އޭނާ މަރުވީ ވޮޝިންޓަން ސްޓޭޓްގެ ސެން ޖުއާން އައިލެންޑްސް ސަރަހައްދުގެ ޖޯންސް އައިލެންޑްގެ އައްސޭރިފަށުގައި ހިނގި "މަތިންދާ ބޯޓް ވެއްޓުމުގެ ހާދިސާއެއްގައި" ކަމަށެވެ.

Ad
rt

އޭނާގެ ދަރިފުޅު ގްރެގަރީ އެންޑާސް ބުނި ގޮތުގައި އާއިލާ އިންދަނީ އޭނާގެ ބައްޕަ މަރުވުމުން އެކަމާ ހިތާމަކުރަމުންނެވެ.

އެމެރިކާގެ ކޯސްޓްގާޑުން ވަނީ އޭނާގެ ދުވަސްވީ މޮޑެލް މަތިންދާބޯޓު ވެއްޓި ޖޯންސް އައިލެންޑް ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދަށް އަޑިއަށް ދިއުމުން ޑައިވް ޓީމުތަކުގެ އެހީގައި އެންޑާސްގެ ހަށިގަނޑު ހޯދުމަށް 200 ނޯޓިކަލް މޭލަށް ވުރެ ދިގުކޮށް ބަލައި ފާސްކޮށްފަ އެވެ.

ނާސާގެ އެންމެ އިސް އެސްޓްރޮނޯޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެންޑާސް ވަނީ ދާއިމީ ލެގަސީއެއް ދޫކޮށްވަޑައިގެންފަ އެވެ. އެޕޯލޯ 8 ގެ ހިތްވަރުގަދަ މިޝަންގައި އޭނާ ވަނީ ހަނދުގެ ސަރަޙައްދުން މައްޗަށް ނޫ ކުލައިގެ ޕްލެނެޓް އުފެދިފައިވާ މަންޒަރު ދައްކުވައިދޭ އައިކޮނިކް "އާތުރައިޒް" ފޮޓޯއެއް ނަގާފައެވެ.

1964ވަނަ އަހަރު ނާސާއާ ގުޅިވަޑައިގަތުމުގެ ކުރިން އެންޑާސް ވަނީ އެމެރިކާގެ ވައިގެ ސިފައިންގެ ފައިޓާ ޕައިލެޓް އަދި ނިއުކްލިއާ އިންޖިނިއަރިން އޮފިސަރެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އެޕޯލޯ 8 އަށް ފަހު އޭނާ ވަނީ ނިއުކްލިއާ ރެގިއުލޭޓަރީ ކޮމިޝަންގެ މުގައްރިރުގެ އިތުރުން ލީޑާޝިޕްގެ މަގާމުތައް ފުރުއްވާފަ އެވެ.

އެންޑާސް އަކީ ޖައްވީ ތަހުލީލުތައް ކުރިއަރުވައި، ދުނިޔޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދިން ހުނަރުވެރި އެވިއޭޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ.