29 އޮކްޓޯބަރ 2019 ވަނަދުވަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ށ. ނަރުދޫ ބްރާންޗުން އިސްނަގައިގެން ރަށުތެރެސާފުކުރުމުގެ ޕްރޮގްރާމްތަކެއް "ރީތި ސާފު ނަރުދޫ" މި ޝިޢާރުގެ ދަށުން އެރަށުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އެގޮތުން ފުރަތަމަ ޕްލާސްޓިކްހޮވުމުގެ މުބާރާތެއް ޖުމްލަ
17 ޓީމް ބައިވެރިވެ ކުރިޔަށް ގެންދެވިފައިވާއިރު 35191 ޕްލާސްޓިކް، 3 ޓަން ޕްލާސްޓިކް އެކުރެވިފައިވެއެވެ. އަދި މުބާރާތުގައި ވާދަކޮށް ވަނަތައް ހޯދި ފަރާތްތަކަށް އިނާމް ދެވިފައިވެއެވެ. އެގޮތުން އެއް ވަނަ ޓީމަށް 1000 ރުފިޔާ، ދެވަނަ ޓީމަށް 700 ރުފިޔާ، ތިންވަނަ ޓީމަށް 500 ރުފިޔާ ދެވުނެވެ.

އަދި ޕްލާސްޓިކް ނައްތާލުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ޖަމްއިއްޔާ ޕާލޭ މޯލްޑިވްސްއާއި ށ. ނަރުދޫ ކައުންސިލާއި ގުޅާދެވުނެވެ. އަދި ރަށުތެރޭހުންނަ ޕްލާސްޓިކް އެޅުމަށް ޕާލޭ މެދުވެރިކޮށް ޖަންބޯބޭގް ހޯދިފައިވެއެވެ. މި ޕްރޮގްރާމްގައި ދެވަނަކަމަކަށް ރަށުތެރެއާއި ގޮނޑުދޮށް ސާފުކުރުމުގެ ދުވަހެއް ރަށުގެ އަންހެނުންގެ ކޮމެޓީއާއި، ނަރުދޫ ސްކޫލްގެ ދަރިވަރުންނާއި ގުޅިގެން ކުރިޔަށް ގެންނެވުނެވެ. އެގޮތުން ރަށުގެ ވަށައިގެންވާ ގޮނޑުދޮށް ސާފުކޮށް ޖުމްލަ 1 ޓަނުގެ ކުނި ކުނިކޮއްޓަށް ޖަމާކުރެވުނެވެ.

މިޕްރޮގްރާމްގެ ދަށުން ތިންވަނަކަމަކަށް ރަށުގެ ހުރިހާ މުއައްސަސާއެއްގެ ހުރިހާ މުވައްޒަފުންނަށާއި، ރަށުގެ ހުރިހާ ގޭބިސީއަކަށް ބިއްލޫރިފުޅި ވަނީ ހަދިޔާކުރެވިފައެވެ. އެގޮތުން ޖުމްލަ 160 ބިއްލޫރިފުޅި ވަނީ ހަދިޔާކުރެވިފައެވެ.
ޕްރޮގާމްގައި ހަތަރުވަނަކަމަކަށް މުޖުތަމަޢުހޭލުންތެރިކުރުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ބުނާއާއި، ބޯޑްތަކެއްވަނީ ހަރުކުރެވިފައެވެ. އެގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި 15 ބޯޑް ހަރުކުރެވުނެވެ.

މި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން އެންމެ ފަހު ކަމަކަށް ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް ދަޢުވަތުދީގެން ރަށުތެރެ ފެހިކުރުމުގެ ގޮތުން ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދެވުނެވެ. އެގޮތުން ރަށުގެ ހޭޅިފަށް ހިމާޔަތްކުރުމަށް އެސަރަހައްދުތަކުގައި ގަސްއިންދުނެވެ. އަދި ރަށުތެރޭގައިހުރި ހުސްބިންތަކުގައި ތަފާތުވައްތަރުގެ ގަސްއިންދީފައިވެއެވެ. އެގޮތުން ދިވެހި ރުކާއި، ޖައުފާންރުއް، ހިރުނދު، ދިއްގާ، ހިތި، އަދި ބަނދަރުގައި ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކުތަކުގައި ގަސް އިންދިފައިވެއެވެ.

މިފަދަ ޕްރޮގްރާމެއް އެންމެ އެކަށޭނެގޮތެއްގައި ކުރިޔަށް ގެންދެވޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކުގައިކަމީ އެއްވެސް ޝައްކެއްއޮތްކަމެއް ނޫން ކަމަށް ނަރުދޫ ފެނަކަ ބުރާންޗުން ނެރުނު ޝުކުރުގެ މެސެޖުގައި ބުނެފައިވެެއެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހަމްދުކުރާހާލު ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަލްފާޞިލް އަޙްމަދު ސަޢީދު މުޙައްމަދަށް ވަރަށް އިޙްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަން. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ށ. މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޞިލް ޢަލީ ރިޞާއަށް ޝުކުރު އަދާކުރަން.
މިޕްރޮގްރާމް ކާމިޔާބުކަމާއި އެކު ކުރިޔަށް ގެންދިޔުމަށް ށ. ނަރުދޫ ކައުންސިލްލާއި، ށ.ނަރުދޫ ސްކޫލާއި، ށ.ނަރުދޫ ސިއްޙީ މަރުކަޒާއި، ށ.ނަރުދޫ މެޖިސްޓްރޭޓްކޯޓާއި، ށ.ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ސެޓްލިންކާއި، ސީސައިޑް ޕްރައިޓެޑްލިމިޓެޑާއި، ކޭ.އޯ.ކޭއާއި ޕާލޭ މޯލްޑިވްސް އިން ވެދެއްވެވި އެހީއާއި ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް ނުހަނު އިޙްލާސްތެރި ޝުކުރެއް އެފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.

މިޕްރޮގްރާމްގެ ކާމިޔާބީ އަސްލު ހޯއްދަވައިދެއްވި ށ. ނަރުދޫގެ އެންމެހާ، ކުދިބޮޑު ރައްޔިތުންނަށް ފެނަކަ ނަރުދޫ ބްރާންޗުން ހިތުގެފުންމިނުން ލޯތްބާއި އެކު ޝުކުރުފަށްފަށްކުރާކަމަށާއި މިޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ހަދާއި، ރަށުގެ ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތެއްގައިތިބުމަށާއި އެރަށަކީ ފެހި އަމާން " ރީތި ސާފު ނަރުދޫ " އަށް ހެދުމަށް ފެނަކަ ނަރުދޫ ބްރާންޗްގެ ހީވާގި މުވައްޒަފުން ކުރި ބުރަ ހީވާގިމަސައްކަތާއި ދެއްކި ރީތީ ނަމޫނާ އަކީ ޝުކުރު ހައްޤު މަސައްކަތެއްކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!