އީރާނުގެ ރިޔާސީ އިންތިހާބަށް ރަޖިސްޓްރީވުމަށް ހުޅުވާލި ތާރީހުގައި، ކުރީގެ ރައީސް މަހްމޫދު އަހުމަދީނިޖާދު ވެސް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައިފިއެވެ.
2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ދެމެދު ޖެހިޖެހިގެން ހަތަރު އަހަރުގެ ދެ ދައުރަކަށް އެ ގައުމުގެ ރައީސްކަން ކުރެއްވި އަހުމަދީނިޖާދު އާދީއްތަ ދުވަހުގެ ހެނދުނު ތެހެރާނުގައި ހުންނަ އިންތިހާބީ މައި މަރުކަޒަށް ވަޑައިގެންނެވީ ގާތް ބޭފުޅުންނާ އެކުގައެވެ.
ވެރިކަމުން ވަކިވެވަޑައިގަތުމަށް ފަހު ގައުމުގެ އެންމެ އިސް ލީޑަޝިޕަށް ތާއީދު ނުކުރެއްވާ ކޮންޒަވޭޓިވް-ހަރުކަށި ސިޔާސީ ބޭފުޅަކަށްވެހުރެ 2013 ވަނަ އަހަރުން ފެށިގެން މާ ބޮޑު ސިޔާސީ ހަރަކާތެއް ހިނގާފައެއް ނުވެއެވެ.
2017 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅީ އެންމެ އިސް ވެޓިން ބޮޑީ ކަމަށްވާ ގާޑިއަން ކައުންސިލުންނެވެ. 2017 ވަނަ އަހަރު ހަސަން ރޫހާނީ އަލުން ރައީސް ކަމަށް އިންތިހާބުވިއިރު، 2021 ވަނަ އަހަރު އިބްރާހިމް ރައިސީ ވަނީ އިންތިހާބުވެފައެވެ.
އީރާނުގެ ހުޅަނގު އުތުރުގައި މިމަހުގެ 19 ވަނަ ދުވަހު ހެލިކޮޕްޓަރެއް ވެއްޓި ހިނގިހާދިސާގައި ރައީސީ އަވަހާރަވުމާ ގުޅިގެން ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.
އަންނަ ހޯމަ ދުވަހަކީ ރަޖިސްޓްރީވުމުގެ އެންމެ ފަހު ދުވަސް ކަމަށާއި އެއަށްފަހު ގާޑިއަން ކައުންސިލުން ކެންޑިޑޭޓުން ބެލުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު ޖޫން މަހުގެ 11 ވަނަ ދުވަހު އާންމުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ނަން ހުށަހެޅުއްވުމަށް ފަހު އަހުމަދީނިޖާދު ވިދާޅުވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނީ ލިބެން ހުރި ކެޕޭސިޓީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ކަމަށެވެ.
މިހާތަނަށް ރައީސް ކަމަށް ކުރިމަތިލެއްވި މަޝްހޫރު ގިނަ ބޭފުޅުންގެ ތެރޭގައި ކުރީގެ ނިއުކްލިއާ މަޝްވަރާވެރިޔާ ސައީދު ޖަލީލީ އާއި ތެހެރާނުގެ މޭޔަރު އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް އަލީރެޒާ ޒަކާނީ އާއި ޕާލަމެންޓްގެ ކުރީގެ ރައީސް އަލީ ލާރިޖާނީ އާއި ކުރީގެ އެންމެ އިސް ބެންކަރު އަދި ރިޔާސީ ކެންޑިޑޭޓް އަބުދުލްނާސަރު ހެމްމަޓީ އަދި ކަލްޗާ މިނިސްޓަރު މުހައްމަދު މަހުދީ އެސްމައިލީ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!