ފަރެސްމާތޮޑާ އެއާޕޯޓުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ފަރާތުން ބަޔަކާއި މިއަދު ހަވާލުކޮށްފިއެވެ.
އާރުއޭސީއެލް އިން ބުނީ، ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ސިލްވާ ލޭންޑް ހޮޓެލްސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ޓޫރިޒަމް ޒޯން ތަރައްގީކުރުމުގެ އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަޙްމަދު މުބީނެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖްމަންޓް ހެޑް އިބްރާހީމް މުޙައްމަދެވެ.
މި ޓޫރިޒަމް ޒޯނުގައި 100 ކޮޓަރީގެ ހޮޓަލެއް އެޅުމަށް އެއްބަސްވެފައިވާއިރު، އެ ސިޓީ ހޮޓަލުގެ ސަބަބުން ފަރެސްމާތޮޑާގެ އިތުރުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ 200 މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށް އާރުއޭސީއެލް އިން ބުނެއެވެ.
މި މަޝްރޫޢުއާއި ގުޅޭގޮތުން އާރުއޭސީއެލްގެ އެމްޑީ އަހްމަދު މުބީން ވިދާޅުވެފައިވާގޮތުގައި، ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި އެ މަޝްރޫޢުގެ މަސައްކަތް ފަށާނެއެވެ. އަދި މި ހޮޓަލަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވެފަވެއެވެ.
ރެސްމާތޮޑާ އެއަރޕޯޓަކީ އެރަށުގެ ފަޅުތެރޭގައި ހުރި ރަށްތައް ހިމެނޭހެން 19 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. މި އެއަރޕޯޓަކީ 144.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ ތަނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!