އއ. ތޮއްޑޫއަށް އިއްޔެ ހަވީރު އައި ކޮޅިގަނޑެއްގައި އޮޔާ ދިޔަ ކުޑަކުދިންތަކެއް ސަލާމަތްކޮށްފިއެވެ.

ސްޓެލްކޯ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުދިން ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވި އުޅުމުން އެ ކުދިން ސަލާމަތްކޮށްދީ އެއްގަމަށް ގެނައީ އެ ވަގުތު އެ ތަނުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންތަކެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން ކޮޅިގަނޑުގައި އެ ރަށަށް ލިބުނު ބައެއް ގެއްލުންތައް ސަލާމަތް ކުރަން ވެސް މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށް އެހީތެރިވި ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

"ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެއްޓުމާ ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށް ވެސް މި ކުންފުނީގެ ހީވާގި މުވައްޒަފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި،" ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ތިބޭނެ ކަމަށެވެ.

"ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ހިތްވަރާއި ކެރުމާއިއެކު އެންމެ އިސް ސަފުގައި، އިޚްލާސްތެރިކަމާއިއެކު ރައްޔިތުންގެ ޚިދުމަތުގައި." ސްޓެލްކޯ އިން ބުނެފައިވެއެވެ.

ރާއްޖެ އަށް މި ދުވަސްވަރު މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.