ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ހިނގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖެ އަށް އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.
މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ ތަފާތު މަޝްރޫއުތަކަށް ސައުދީ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ހައުސިން އާއި އެ ނޫން ވެސް ދާއިރާތައް ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ. އެއް ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ޑިސެމްބަރު 2004 ގައި ރާއްޖެ އަށް އެރި ސުނާމީ ކާރިސާއާ ގުޅިގެން ސައުދީން ފޯރުކޮށްދިން އެހީތެރިކަމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރު 100 މިލިއަން ޑޮލަރު ހަމަޖައްސައި ދިނުމުން ސައުދީ ފަންޑުގެ ބޯޑަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ. އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނެވެ. މިއާ އެކުގައި އެއާޕޯޓު ތަރައްގީ ކުރަން ސައުދީން ދިން ލޯންގެ އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް މިހާރު އަރާނެއެވެ.
ފަހުން ދިން މި އެހީއަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ސައުދީ ފަންޑުން ދޭން އެއްބަސްވި އެހީއެކެވެ.
ސައުދީ ފަންޑުގެ ސީއީއޯ ސައުދީގެ އެހީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އަހަރެއްގެ މައްޗަށް ހަތް މިލިއަން ފަސިންޖަރުންނަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި އެއާކާގޯ ހިދުމަތް ވެސް ވެގެން ދާނީ ވިޔަފާރީގެ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާއަށް ހުޅުވޭ ދޮރަކަށް ކަމުގައި އޭނާ ވިދާޅުވިއެވެ.
ސުލްތާން ވިދާޅުވީ މީގެ ކުރިން ވެސް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީ ތެރިކަން ފޯރުކޮށްދީފައިވާ ސުލްތާން ފާހަގަ ކުރެއްވިއެވެ.
"މިއަދު ސޮއިކުރި އެއްބަސްވުމާ އެކު، އެއާޕޯޓު އަޕްގްރޭޑުކޮށް، ތަރައްގީ ކުރުމަށް މި ވަނީ ހަ ލޯނެއް ވަނީ ދީފައި. އެ ލޯނުގެ އަދަދު 285 މިލިއަން ޑޮލަރަށް އަރާ،" ސުލްތާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!