ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ސައުދީ ފަންޑުގެ ސީއީއޯ އާއި އެ ފަންޑުގެ ވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށް ރައީސް ޑރ. މުއިއްޒު ޝުކުރު އަދާ ކުރެއްވިއެވެ.
އަދި މިފަހުން އެމަނިކުފާނު އަދި އެމަނިކުފާނާއެކު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާމެދު އެ ގައުމުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި މަޝްރޫއުތައް އިތުރަށް ފުޅާކުރުމާމެދު މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ވަނީ ރާއްޖެއިން އެމަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވައި، ރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސް އަށް އަރުވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހިރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
މި ދަތުރުފުޅުގައި ސައުދީ ފަންޑުގެ ވެރިން ވަނީ އެ ފަންޑުގެ އެހީގައި ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައެވެ. ސައުދީ ފަންޑުގެ ވެރިޔާގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ސައުދީ އާ ދެމެދުގައި މުހިންމު މަޝްރޫއުތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމާ ގުޅޭ ލޯންގެ އެހީއަކާއި ސިއްހީ ދާއިރާ އަށް ކުރިއެރުން ގެނައުމާ ގުޅޭ ލޯން އެހީއެކެވެ.
ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މި މަހު ވަނީ ސައޫދީ އަށް ވަޑައިގެން ސައޫދީ ފަންޑުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!