ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލްގެ ބަދަލުގައި އެ ޔުނިވާސިޓީގެ މައި ކެމްޕަހަށް ބަދަލު ކުރަން ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެންގޮސް ކުރިއެކޭ އެއްގޮތަށް އެ ހޮސްޕިޓަލް ބޭނުން ކުރެވޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މެޑިކަލް ކިޔަވާ ކުދިންގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލު ކުރަން ސަރުކާރުން މިދިޔަ މަހު ނިންމުމާ ގުޅިގެން ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެންވެ، އެ ޔޫނިއަންގެ ބޭފުޅުން ވަނީ ރައީސް އޮފީހުގެ ވެރިންނާ ވެސް ބައްދަލު ކުރައްވައިފައެވެ.

Ad
rt

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަ ދެއްވައި އެ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ރައީސް ހަމަޖައްސަވައި ކަމާބެހޭ އިދާރާތަކަށް އެކަން އަންގަވާފައިވާ ކަމަށެވެ.

ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުން ކުރަމުންދާ ޖަގާ ދޫކޮށްލަން ޖެހިދާނެ ކަމަށް އުފެދުނު ކަންބޮޑުވުންތަކަކާ ގުޅިގެން އެ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަންއިން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިދިޔަ އޭޕްރީލް 23 ފޮނުއްވި ސިޓީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތީން، މިދިޔަ އޭޕްރީލް 26 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަނީ، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި، ދަރިވަރުންގެ މަންދޫބުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުވުމެއް ބާއްވަަވައިފައެވެ.

މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތީން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަނީ ދެއްވައިފައެވެ.

ރައީސް އޮފީހުން ބުނީ ކިޔަވާ ކުދީންނާއި ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ޞިއްޙީ ޚިދުމަތުގެ ޙާލަތު ރަނގަޅުކުރެއްވުމުގައި، ދައުލަތުގެ އާމުދަނީއާ ފުދުންތެރިކަމާ ހާލަތު ތަންދިން މިންވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނަސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަން ދެއްވާ ކަމަށެވެ.

"މިގޮތުން، ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލްކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު، ދިރާސާތައްވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރުވެސް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި އައިޖީއެމްއެޗާއި ދަރުމަވަންތަ ހަސްފަތާލުގައި ބަލިމީހުންނަށް ޖާގައާއި އެނދު އިތުރުކޮށް، ސިއްހީ އައު ޚިދުމަތްތައް މި ދެ ހޮސްޕިޓަލްގައި ތައާރަފްކުރެއްވުމުގެ މަސައްކަތްވެސް ޖާގައާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާއެކު ދަނީ ކުރައްވަމުންނެވެ." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

މިއަދު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސްގެ މި ނިންމެވުމުގެ ސަބަބުން، ކިޔަވާކުދިންގެ ކަންކަމުގައި، ޚާއްޞަކޮށް މަތީ ތަޢުލީމު އުނގެނޭ ކުދީންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައި އެމަނިކުފާނު ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެކަމުގައި ޤައުމީ ޔުނިވަރސިޓީއިން ފާހަގަކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އަދި އެ ޔުނިވަސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް އައްސަވާނެކަމާ، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވަން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން އަބަދުވެސް އޮތްކަމަށާއި، މިއަދު ރައީސްގެ މި ނިމްމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިއްޖެކަމަށް ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން ވިދާޅުވިއެވެ.