ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް އެއްކޮސް ނިމިފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ގުޅިފަޅު ހިއްކުމަށް އަޅާފައިވާ ކަމަށް ވަނީ ބުނެއެވެ.
ގުޅިފަޅުން ހިއްކާފައިވަނީ 192 ހެކްޓަރުގެ ބިމެވެ.
ކުރީގެ ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ބައިނަލްއަގުވާމީ ޕޯޓެއް ތަަރައްގީ ކުރުމަށެވެ. އަދި ލ ގުޅިފަޅުން މާލޭގެ ރައްޔިތުންނަށް ވަނީ ގޯތި ދޫކޮށްފައެވެ.
ނަމަވެސް މި ސަރުކާރުން ވަނީ ގުޅިފަޅުގައި ހެދުމަށް ނިންމި ޕޯޓު، ތިލަފުށްޓަށް ބަދަލުކޮށް، ގުޅިފަޅުގެ އާ ލޭންޑް ޔޫޒް ޕްލޭނެއް ހަދައިފައެވެ. އަދި ގިރާވަރުފަޅުން ދޫކުރި ބިންތަކެއްވެސް ގުޅިފަޅަށް ވަނީ ބަދަލުކޮށްފައެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހެދި އެ ލޭންޑް ޔޫޒް ޕްލޭންގައިވާ ގޮތުން ގުޅިފަޅުން ވަނީ ގޯއްޗަށާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ކަނޑައަޅައިފިއެވެ. ގުޅިފަޅުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް ބިން ކަނޑައަޅާފައިވާ އިރު، ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަނަށްވެސް ބިން ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން އިގުތިސޯދީ މަސައްކަތްތަކަށް ވެސް ބިން ކަނޑައަޅާފައިވެއެވެ. އަދި ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާރިތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!