ފުވައްމުލަކު ސިޓީގައި ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށާއި އެ ޓޫރިޒަމް ޒޯން ތަރައްގީކޮށްދޭނެ އިންވެސްޓަރުން ހޯދުމާ ބެހޭ އެއްބަސްވުމެއްގައި ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ފުވައްމުލަކު ސިޓީ ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާރުއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އިސްމާއީލް ރަފީގުއެވެ.
އާރްއޭސީއެލުން ބުނީ އެމްއޯޔޫގައި ސޮއިކުރެވިފައިވަނީ އެއާޕޯޓް އިންވެގެން އޮތް ހުސްބިން ކަމުގައިވާ (ބިޅިފޭށި) ގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުމަށް ކަމަށެވެ. އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފަންޑިން ނުވަތަ އިންވެސްޓަރުން ހޯދާނެ ކަމަށް ވެސް ބުންޏެވެ.
އެ ސަރަހައްދު ތަރައްގީ ކުރުމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ ވިސްނުމާ އެއްގޮތަށް ކޮންސެޕް ޑިޒައިން ހަދާ ނިމިފައިވާ ކަމަށް ވެސް އާރުއޭސީއެލުން ބުންޏެވެ. ކޮންސެޕްޓުގައި ވާގޮތުގެ މަތިން 108 ގެސްޓް ރޫމް އެ ސަރަހައްދުގައި އަޅާނެ ކަމަށް ބުންޏެވެ.
އާރްއޭސީއެލުން ބުނީ އެ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ޓޫރިޒަމް ޒޯން ތަރައްގީކުރަން ނިންމާފައިވާ ބިމަކީ މިވަގުތު އެއްވެސް ބޭނުމެއް ނުކުރާ ބިމަކަށްވުމުން، އެ ބިމުން ފުވައްމުލަކުގެ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫއެއް ކުރިއަށް ގެންދިޔުން ކަމަށެވެ. އެ މަޝްރޫއުގެ ސަބަބުން ފުވައްމުލަކުގައި މިހާރު ހިންގަމުންދާ ގެސްޓްހައުސްތަކަށް ފައިދާވެ، ފުވައްމުލަކު ދުނިޔޭގައި މާކެޓްވެގެންދާނެ ކަމަށެވެ.
އެ މަޝްރޫއުގެ ސަބަބުން ފުވައްމަލަކު އެއާޕޯޓުގެ މޫވްމަންޓް އިތުރުވެ، ފުވައްމުލަކަށް އިގުތިސޯދީ ކުރިއެރުން ލިބި، ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!