މެލޭޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.

މެލޭޝިއާ އެއާލައިންގެ ދަތުރުތައް ފަށަން ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިހާރު ވަނީ އެމްއެމްޕީއާރުސީއާައެކު ސޮއިކޮށްފައެވެ.

Ad
rt

މި އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ބައްސާމެވެ. އަދި މެލޭޝިއާ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ޑެރެނިޝް އަރެސަންދިރަންއެވެ.

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާނެއެވެ. މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުއެވެ.

މެލޭޝިއާ އެއާލައިނުން ބުނީ މިއީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށައި އެ އެއާލައިންގެ ދސތުރުތަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއްކަމަށެވެ. އަދި މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް ބުންޏެވެ.

މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ ޤައުމެކެވެ. އަދި ތަފާތު އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ ގައުމެކެވެ.

މެލޭޝިއާއިން މިދިޔަ އަހަރު ރާއްޖެއަށް 13000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.