ކޮންމެ ރަމަޟާން މަހަކު، ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތް މާދަމާރޭ ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
"ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445" މުބާރާތުގައި މިފަހަރު 8 ޓީމު ބައިވެރިވާ އިރު، އެ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. މި މުބާރާތުގައި ބައިވެރިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ޓީމް އެފްއެފާއި އެޗްވައިއެމް ވެޓަރަންސް އާއި އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ބުލްކް ޝާކްސް އާއި އެޗްވައިއެމް ފިނޮމިނަލްސް އާއި އެޗްވައިއެމް ވުލްފް ގޭންގެވެ.
މި ޓީމުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ ބުލް ޝާކްސްއެވެ.
ގްރޫޕް ސްޓޭޖަށް ކުޅޭ މި މުބާރާތުގައި ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ދަތުރު ކުރާނީ ސެމީ ފައިނަލަށެވެ. އަދި ސެމީ ފައިނަލް ދެ މެޗު މި މަހުގެ 19 ވަނަ ދުވަހު އޮންނަ އިރު ފައިނަލް މެޗު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެރެއެވެ.
ހުޅުމާލެ ޔޫތު މޫވްމަންޓުން 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފުޓްސަލް މުބާރާތް ބާއްވަމުން އަންނަ އިރު، މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ޖަމިއްޔާގައި ހިމެނޭ މެމްބަރުންނާއި ހުޅުމާލޭގައި ހުންނަ މުއައްސަސާތަކުގެ ގުޅުން ބަދަހި ކުރުން ހިމެނެއެވެ.
މިފަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ފެއާ ޕްލޭ ޓީމް، ފެއާ ޕްލޭ ކުޅުންތެރިޔާ، ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، އެންމެ މޮޅު ފަސް ކުޅުންތެރިން، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކީޕަރު، އެންމެ މޮޅު ކޯޗު، ހޮވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!