މާލޭގެ މަގުމަތިން އިއްޔެ އެކަނި ވެސް 59.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އިއްޔެ އެކަނި ވެސް މާލޭގެ މަގުމަތިން ނުވަ ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމަށެވެ.
މާލޭގެ މަގުމަތިން ކުނި ނެގި އަދަދު:
1.5 ޓަނުގެ 16 ޕިކަޕް
2 ޓަނުގެ 1 ޕިކަޕް
350 ޓަނުގެ 26 ޕިކަޕް
3 ޓަނުގެ 7 ޕިކަޕް
3.5 ޓަނުގެ 1 ޕިކަޕް
ޖުމްލަ 59.6 ޓަނުގެ ކުނި
ކުނިތައް ނަގާފައި ވަނީ މާލޭގެ މަގުތަކުގެ ތެރެއިން 26 މަގަކުން ކަމަށް ވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ. މި ކުންޏަކީ ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކެވެ. އެކަމުގެ ސަބަބުން ހިނގާބިނގާވެ އުޅުމަށާއި އުޅަނދު ފަހަރު ދުއްވުމުގައި ދަތިތައް އިންތިހާ އަށް ކުރިމަތިވިއެވެ.
މާލޭގެ މަގުތައް އަދި ހަނި ގޯޅިތަކުގައި އަދަޔާ ހިލާފަށް ކުނި ގިނަވުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ވަނީ އެކި މީހުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ފޮޓޯ އާންމުކޮށްފައެވެ. ކުނީގެ މައްސަލަ ބޮޑުވެގެން މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ދަނީ މާލެ ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!