މި މަހުގެ ތެރޭގައި އަތޮޅު ދުވުން ކުޅެގެން ލީޑާބޯޑުގެ އެއްވަނައިގައި ހިމެނޭ ފަރާތަށް ދެމީހުންގެ އުމްރާ ދަތުރެއް ދޭން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.
"އަތޮޅު ދުވުން" އަކީ، ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ ގޮތަށް ރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ، "ހަސަނަށް ފޯނެއް"ގެ ދަތުރުގައި މިފަހަރު ރާއީ ދުވެފައި ދާނީ ރާއްޖޭގެ އުތުރުން ދެކުނަށް، ކޮންމެ މަހަކު ރާއްޖޭގެ އެއް ރަށަށް ނުވަތަ ލެވަލެއް އަންލޮކް ވެގެން ދާނެ ކަމަށާއި ގޭމްގެ މާޗު މަހުގެ އަޕްޑޭޓް މިހާރު ލިބޭނެ ކަމަށެވެ. އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެއެވެ.
އަތޮޅު ދުވުމުގެ މާޗު މަހުގެ ޕާޓްނަރަކީ ގިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑުއެވެ. އެ ޕާޓްނާޝިޕުގެ ދަށުން އުރީދޫއާ ގުޅިގެން މިމަހުގެ ލީޑާބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް (ދެ މީހަކަށް) ލިބިގެންދާނެއެވެ.
މީގެ އިތުރުން ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗަރު ލިބުމުގެ ފުރުސަތުވެސް މިމަހު ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
މި ގޭމުގައި 12 ލެވެލް ހިމެނޭ އިރު، ކޮންމެ މަހަކު އާ ލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ. އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކުއެވެ. ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވެއެވެ. މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދެއެވެ.
އުރީދޫން ބުނީ މާޗު މަހުގައި އަތޮޅު ދުވުމުގައި ފެނިގެންދާނީ ޒަމާނުއްސުރެ ގަލު ވަޑާމަށް މަޝްހޫރު، އަދި ރާއްޖޭގައި އެންމެ ގިނައިން ކުއްޅަވަށް އުފެދުމުގެ އިތުރުން ކުއްޅަވަށް ބޭނުންކޮށްގެން ތަކެތި ތައްޔާރުކުރާ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ނ. ލަންދޫ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!