އުރީދޫ މޯލްޑިވްސް އިން ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

އުރީދޫން ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭ 8:30ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ޖަލްސާގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަނަށް ގޮސް ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ.

Ad
rt

އުރީދޫން ބުނީ ހުލުމާލޭ ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 200 ހިއްސާދާރުންނަށް ކަމަށާއި އޭގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށެވެ.

ރަޖިސްޓްރީ ކުރަން ހާޒިރުވާ އިރު، ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވުމަށް އުރީދޫން ވަނީ އެދިފައެވެ. އަދި ޖަލްސާ ފެށުމުގެ ކުރިން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

މިއަހަރުގެ އެ ކުންފުނީގެ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަންކުރާނަމަ "ޕްރޮކްސީ ފޯމު" ހުށަހެޅުމަށްވެސް އުރީދޫން އިލްތިމާސްކުރެއެވެ. ރަޖިސްޓާ ކުރުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓާ ކުރެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މައުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.