މާލޭގެ މުހިންމު އާސާރުތަކެއްގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން މިއަދު ވަނީ ސްޓެލްކޯއާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މާލޭ ހުކުރު މިސްކިތާއި އެ މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ކުރަން ހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރާނެއެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ.
ސްޓެލްކޯ އިން ބުނީ އެ އެއްބަސްވުމުގެ ދަށުން މާލޭގައި ހުރި މުހިންމު އާސާރުތައް ރައްކާތެރިކަމާއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަންހުރި މަސައްކަތްތައް ކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ މުއްދަތަށް އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ، އެ އާސާރުތައް ރައްކާތެރިކުރުމުގެ މަސައްކަތް މޫސުމާ ގުޅިގެން ލަސްވެގެންދިޔަ ނަމަވެސް ދެން އެ މަސައްކަތަށް އިތުރު ލަސްކަމެއް ނާންނާނެ ކަމަށާއި އެއީ ވަރަށް ބޮޑަށް ޓެކްނިކަލީ ކަންތައްތައް ބެލިގެން ކުރަންޖެހޭ މަސައްކަތަކަށް ވާތީ މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑަށް އެކަން ބަލަމުން ގޮސްފައިވާނެ ކަމަށެވެ. އަދި ވިއްސާރަ މޫސުމަކަށްފަހު ހުކުރު މިސްކިތުގެ މުންނާރު ހިކުމަށް ވަގުތުކޮޅެއް ދޭންޖެހޭ ކަމަށާއި އަދި އެހެނިހެން ޓެކްނިކަލް ކަންތައްތަކެއް ހުރުމާއެކު މަސައްކަތް ލަސްވީ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މޫސުން ތަން ދިން ނަމަ، މިހާރު އެ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ، ސްޓެލްކޯއަކީ ކުރީއްސުރެވެސް އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއް ކަމަށާއި މިނިސްޓްރީއާއި ތަރިކަ ރައްކާތެރިކުރާ މަރުކަޒަށް މީގެ ކުރިންވެސް ސްޓެލްކޯއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.
މި ސަރުކާރު ހަވާލުވުމަށްފަހު ވެސް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި ވެސް ސްޓެލްކޯގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!