ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހުގެ ޝިޕްމަންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އަދި ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތް މިހާރު 78 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށް ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 14,412 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ހާބަ ބޭސިން ފުންކުރުމާއި، 6,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 414 މީޓަރުގެ އެއްގަމުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 2,291 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މިއީ 60.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.