ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމާއި ލޯގޯ އެ ކުންފުނިން އަލުން ބޭނުން ކުރަން ފަށައިފިއެވެޒ
ކުރީ ސަރުކާރުން އެ ކުންފުނި ރީބްރޭންޑްކޮށް އާބަންކޯގެ ނަމަށް ބަދަލު ކުރިއެވެ. ނަމަވެސް އެ ކުންފުންޏަކީ ޤާނޫނަކުން އުފެދިފައިވާ ކުންފުންޏަކަށްވާއިރު “ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން" އަކީ އަދިވެސް އެ ކުންފުނީގެ ޤާނޫނީ ނަމެވެ.
މިހާރު ބޭނުންކުރަމުން އަންނަ އާބަންކޯގެ ނަމުގެ ބަދަލުގައި އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ އެ ކުންފުނީގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށް އެެޗްޑީސީން ބުންޏެވެ. އަދި ނަން އާބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާކަން ފާހަގަކުރިއެވެ.
ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް އެ ކުންފުނިން ބޭނުންކުރަމުން ދަނީ އެޗްޑީސީއެވެ.
އެޗްޑީސީ އުފެއްދީ، ކުރީގެ ރައީސުލް ޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން 2001 ވަނަ އަހަރުއެވެ. މިއަދު އެ ކުންފުންޏަކީ އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކުންފުންޏެވެ. އެ ކުންފުނީގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ.
މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.
އެޗްޑީސީން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަން ހާސިލް ކުރުމަށް އެ ކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން އެ ކުންފުނީގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން ކަމަށްވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!