ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފިއެވެ.
އޭރިއާ އީ ހިއްކުމުގެ މަސައްކަތް 25 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އާބަންކޯއިން ބުންޏެވެ. އޭރިއާ އީ ގެ ދަށުން 5.9 ހެކްޓަރުގެ ސަރަޙައްދެއް ހިއްކިމަށް ވަނީ ހަމަޖެހިފައެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އާބަންކޯ އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ތިލަފުށީ އޭރިއާ އީގެ ބިން ހިއްކައި ނުމުން ބޯޓުޔާޑާއި ހިލަވެލި ސަޕްލައި ކުރަމުން އަންނަ ފަރާތްތަކަށް ބީޗް ފްރަންޓުން ޖާގަ ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އާބަންކޯގެ ސީއީއޯ ފަޒުލް ރަޝީދު ދެއްވައެވެ.
ތިލަފުށީގެ ބިންހިއްކައި ތަރައްޤީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަޙައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުޞަތުތައް ހޯދައިދިނުން ކަމަށް އާބަންކޯއިން ބުންޏެވެ.
އެގޮތުން، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!