ޖަޕާނު ސަރުކާރުގެ އެހީގައި އެން ވަތާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.
މިއީ ފިޝަރީޒް މިނިސްޓްރީން އިސްނައިގެން ކުރިއަށްގެންދާ ދިރާސާއެކެވެ.
އެ މިނިސްޓްރީން ބުނީ، މި ދިރާސާ ފެށުމުގެ ގޮތުން ގދ. މަޑަވެލި ކަމަނަ ދޯނީގެ އެން ވަތް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ދޯނީގެ އެން ވަތަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެންވަތުގެ ލޮނުގަނޑު ދައުރުކުރުމާއި، މަރުވެފައި ހުންނަ އެން، ވަތަށް ނުފައިބާ ވަތުން ނެގޭގޮތަށް އެންވަތަށް ބަދަލު ގެނެސްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއީ ކާމިޔާބު ކަމެއްތޯ ބެލުމަށް މި ދިރާސާގައި ސައިންޓިފިކް ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ ދޯނީގެ އެން ވަތަށް ގެނެވުނު ބަދަލުތަކުން މިހާރުވެސް ފެންނަ ނަތީޖާ ވަރަށް ރަނގަޅުކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް މި ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ރާއްވަވާފައެވެ. އެގޮތުން މަސްވެރިންކަމުގެ ފަންނު އުނގަންނައިދިނުމަށް ކޮލެޖެއް އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ކޮންމެ ދޯންޏެއްގައި ޑައިވިން ސެޓްފިކެޓް އޮތް ރެސްކިއު ޑައިވަރެއް ހުރުން ލާޒިމް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!