ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށް ސާވޭ އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
ވިލިމާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ 5.6 ކިލޯމީޓަރުގެ މަގުތަކެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ސާވޭ ހެދުމުގެ މަގުސަދަކީ ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަނެ، މަޝްރޫއު ހިންގުމަށް ދާނެ ސީދާ ހަރަދު ދެނެގަތުން ކަމަށެވެ.
"ވިލިމާލޭގެ 5.6 ކިލޯމީޓަރުގެ މަގުތައް ހެދުމަށްޓަކައި ބޭނުންވާ ސާވޭތައް ހެދުމާއި ޑީޓެއިލް ޑިޒައިނާއި އީއައިއޭ އާއި ސްޓޯމް ވޯޓާ ޑިޒައިން މި ހުރިހާ ކަމެއް ހިމެނިގެން މި މަސައްކަތް ނިމިގެން ދާނެ. އެހާ ހިސާބުން އަމަލީ މަސައްކަތް ފެށިގެންދާނެ." މުއްތަލިބް ވިދާޅުވިއެވެ.
ވިލިމާލޭގެ ކަރަންޓާއި ނަރުދަމާގެ ނިޒާމު އިތުރަށް ތަރައްގީކުރުމުގެ ގޮތުން މިހާރު މަޝްރޫއެއް ފަށައި ސާވޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާނީ އެ ކަންތައްތައް ބެލުމަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި ވިލިމާލެ މަގުތައް ހެދުމަކީ އެ އަވަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ. އަދި މި އަވަށުގެ ޑިޒައިނާއި އެހެނިހެން ކަންކަން ކުރެވޭނީ ރަށުގެ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވިލިމާލޭގެ މަގުތަކުގެ ޓޮޕޮގަރްފިކް ސާވޭ، ޑީޓެއިލްޑް ޑިސައިން އަދި އީއައިއޭ ހިމެނޭހެން މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 1.79 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއު ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!