ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ ދަށުން، ޖެޓީ ހެދުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތިގައި މި މަޝްރޫއުގެ 70 އިންސައްތަ މަސަައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ، ޖެޓީ ކޮލަމް ހަރުކުރުމަށްޓަކައި ބެޑް ޕްރިޕަރޭޝަން މަސައްކަތްތައް ކަމަަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 13,216 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ބަނދަރު ފުންކުރުމާއި، 17,450 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި، 183 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 188 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 4.5 މީޓަރު ދިގު 244 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 244 މީޓަރުގެ ޖެޓީއެއް ހެދުމާއި، 105 މީޓަރު ދިގު 5 މީޓަރު ފުޅާ ސައުތް ސައިޑް ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މީގެ އިތުރުން، 10 މީޓަރު ދިގު 10 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 36.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!