އުރީދޫ މޯލްޑިވްސް އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފިއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑުގެ ޑިރެކްޓަރުކަމަށް ކުރިމަތިލެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށެވެ. ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ޤަރާރު ހުށަހަޅަންޖެހެއެވެ.

Ad
rt

އިތުރު ޝަރުތައް:

- ކުންފުނީގެ ޤާނޫނު އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އާންމުކޮށްފައިވާ "ކޯޕަރަޓް ގަވަރނަންސް ކޯޑް" ގައި ބަޔާންކޮށްފައިވާ ފެންވަރުތަކާއި ޝަރުތުތައް ހަމަވުން.

- ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮޕަ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.

- ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީ އަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.

- ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓާގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

- މަދުވެގެން 1 (އެކެއް) އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ޚިދުމަތުގެ ރިކޯޑު ފެންނަން އޮތުން.

- މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ ފަރާތަކަށް ނުވުން.

- އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން. ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓަރއެއް ނުވަތަ ރެގިއުލޭޓަރއަކާއެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން 12 (ބާރަ) މަސް ދުވަސްވުން.

- އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރެއް ނުވަތަ ރެގިއުލޭޓަރެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުން.

- އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރެއް ނުވަތަ ރެގިއުލޭޓަރެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.

- އާއިލާ ގައި ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓަރެއްގެ ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން.

- އެއްވެސް ކަހަލަ ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނެތުން. އަދި ކަންކަމުގައި އިންޑިޕެންޑެންޓް އަދި އިމްޕާޝަލް ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރި ފަރާތަކަށްވުން.

- އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތަކަށް ވުން.

ބޯޑުގައި މިންތީގެ ހަމަހަމަކަން ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެނުން ކުރިމަތިލުމަށް އުރީދޫއިން އެދެއެވެ.

ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީއިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ. އަދި މިއަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިޚާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި ފެބްރުއަރީ މަހު އިއުލާނު ކުރާނެއެވެ.

މި އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2026 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާއާ ހަމައަށެވެ. އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.