ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަދާކުރައްވަމުން ގެންދެވި ހެލްތު މިނިސްޓްރީގެ ވަޒީފާގައި ދެމިހުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ އެކު ހެދި ކޮންޓްރެކްޓް ބާތިލް ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލިހަށް ބަލައިގަނެ މިހާރު ވަނީ މެމްބަރުންގެ މެދުގައި ބަހުސްކޮށްފައެވެ. އެ މައްސަލަ މަޖިލިހަށް ބަލައިގަތީ 21 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ހަތަރު މެމްބަރުން ވޯޓު ދެއްވިއެވެ.

Ad
rt

މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައި ވަނީ ސާޖިދާ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ގާނޫނާއި ގަވައިދާ ހިލާފަށް ހަތަރު އަހަރުގެ ނޯ ޕޭ ލީވް ނެންގެވުމަށް ނިންމެވުމާ ގުޅިގެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ 28،000 އަށް ވުރެ ގިނަ މުވައްޒަފުން އެކި ގޮތް ގޮތުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ.

ސާޖިދާ މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމުގެ ސަބަބުން އެ ކޮމިޝަނަށް މިނިވަންކަމާ އެކު ގޮތް ނިންމުމަށް ނުކުޅެދިފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ. އަދި ސާޖިދާ އަށް ހާއްސަ ކުރައްވައިގެން ސިވިލް ސާވިސްގެ ގަވައިދުގެ ރޫހާ ހިލާފަށް ގަވައިދު މާނަ ކުރައްވައި ވަކި ގޮތަކަށް އަމަލު ކުރެއްވުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުގައި ދޭދޭ މުވައްޒަފުންނާ ދޭތެރޭގައި ތަފާތުކުރުން ގެންގުޅެގެން ނުވާނެ ކަމަށް އެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، ސާޖިދާއާ ދޭތެރޭގައި ނިންމަވާފައިވާ ނިންމެވުމަކީ ގަވާއިދާ ހިލާފު ނިންމެވުމެކެވެ. އަދި ސާޖިދާގެ ނޯޕޭ ލީވް ގަވައިދުގައި ބުނާ ތިން ޝަރުތުން ކުރެ އެއްވެސް ޝަރުތަކަށް ފުރިހަމަ ނުވާ ކަމަށް އޭގައި ބުނެފައިވެއެވެ. އެހެންވެ، މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަންގަވާފައިވަނީ ވެސް ގަވާއިދާ ހިލާފަށް ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

ސާޖިދާއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ފަސްޓްލޭޑީ ކަމަށް ވަޑައިގަތުމަށް ފަހު ސާޖިދާ ވަނީ ސީއެސްސީގެ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ ޗުއްޓީއެއް ނަންގަވައިފައެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް އެންގުމުން ސީއެސްސީން ވަނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރަން މި މަހުގެ ހަތް ވަނަ ދުވަހު އެއްބަސްވުމެއް ހަދައިފައެވެ.

ސީއެސްސީން ސާޖިދާއާއެކު ހެދި ކޮންޓްރެކްޓުގައިވާ ގޮތުން މަސައްކަތަށް ވަޑައިގަންނަވާ ކޮންމެ ގަޑިއިރަކަށް 75ރ. ގެ އެލަވަންސެއް ލިބޭނެއެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށްވާތީ މަހަކު ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ. އެއީ މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް ދޭ މުސާރައެކެވެ.

ކުއްލި މައްސަލައިގައި ވަނީ މި މަހުގެ 7 ވަނަ ދުވަހު ސާޖިދާ އާއި ސީއެސްސީއާ ދެމެދު ގާއިމު ކުރި އެއްބަސްވުން ބާތިލް ކުރަން ގޮވާލައިފައެވެ.