ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވަކިވަކިން ތަޅުމުގައި ވޯޓަށް އަހަން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.

މިގޮތައް ނިންމީ ވަޒީރުންނަށް ރުހުން ދިނުމާމެދު ކޮމެޓީން ގޮތެއް ނިންމަން މިއަދު ބޭއްވީ އެ ކޮމެޓީގެ 9 ވަނަ ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ 22 ވަޒީރުންގެ ނަމަށް ގަނޑުކޮށް ވޯޓަށް އަހަން ވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ކޮމެޓީގައި ވޯޓަށް އަހާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވައި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ތާއީދު ކުރެއްވި ހުށަހެޅުމަށެވެ.

ހުށަހެޅުން ހުށަހެޅުއްވުމަށް ޝިފާއު ދެއްކެވި ވާހަކާގައި ވިދާޅުވީ، ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށްފަހު، އެ ރައީސްގެ ކެބިނެޓަކީ ޤާނޫނުއަސާސީގައި ބުނާ ވަޒީރުންގެ ގައިގާ ހުރުން ލާޒިމް ޝަރުތުތައް ހަމަވާ ބަޔެއްނަމަ މަޖިލީހުން ރުހުން ދިނުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް ކަމަށެވެ. އެހެންވެ ހުރިހާ ވަޒީރުންނަށް ވެސް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ކޮމެޓީގެ ރިޕޯޓު ފޮނުވައި، ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން މަޖިލީހުގެ ތަޅުމުގައި ވަކިވަކިން ވޯޓަށް އަހަން ޝިފާއު ހުށަހެޅުއްވިއެވެ.

''ކޮމެޓީގައި މިއޮތް ހުށަހެޅުމަކީ 22 ވަޒީރުންނަށް ގަނޑުކޮށް އެއް ރިޕޯޓެއްގެ ގޮތުގައި ތަޅުމަށް ފޮނުވާފައި ވަކިވަކިން ކޮންމެ މެންބަރަކަށް ވޯޓަށް އަހަން، 22 މެންބަރުން ޝަރުތު ހަމަވާތީ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ހުށަހަޅުއްވައި ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ތާއީދު ކުރެއްވި މި ހުށަހެޅުމަށް ވޯޓަށް އަަހަން'' ކޮމެޓީގެ ރިޔާސަތު އިންނެވި، މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހް އެ ހުށަހެޅުމަށް ވޯޓަށް އައްސަވަމުން ވިދާޅުވިއެވެ.

މި ހުށަހެޅުން ފާސްވެފައި ވަނީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.