ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ މަޖިލިހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްސަލަ ބަލައި ދިނުމަށް އެދި ހުށަހަޅަން ނިންމައިފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތަރުޖަމާނު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް މިއަދު ވިދާޅުވީ ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ހުށަހަޅުއްވާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ކަމަށެވެ.
މަޖިލިހުގެ ޖަލްސާގައި އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވީ ޖާބިރުގެ އިތުރުން ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމެވެ. ސަލީމްގެ ނަން މަޖިލިހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ސިއްރު ވޯޓަކުން ފާސްވުމާ ގުޅިގެންނެވެ.
ސަލީމަށް ވޯޓު ދޭން ވިޕް ނެރެފައިވަނިކޮށް، ޖާބިރުގެ ނަން ހުށަހެޅުއްވީ ޝިޔާނެވެ. ޝިޔާންގެ ނިންމުމަށް ތާއީދު ކުރެއްވެވީ ގައްދޫ ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަހުމަދު ޒާހިރެވެ. ޖާބިރުގެ ނަން ހުށަހެޅުމާ ގުޅިގެން އެ ނަމަށް އޭނާ އިއުތިރާޒް ކުރައްވާފައެއް ނުވެއެވެ.
ރޭ ނެގި ވޯޓުން ސަލީމް ކާމިޔާބުކުރެއްވީ 51 މެމްބަރުންގެ ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!