މިއަހަރު ދުނިޔޭގެ ޓްރެވެލް ޕާސަނަލިޓީގެ އެވޯޑު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަށް ލިބިވަޑައިގެންފިއެވެ.
މައުސޫމަށް މި އެވޯޑު ލިބިވަޑައިގަތީ ވޯލްޑް ޓްރެވަލް އެވޯޑު ހަފްލާގައެވެ. މި ހަފްލާގައި ދޭ ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑަކީ ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްތަށް ދޭ އެވޯޑެވެ.
ނިމުނު ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މައުސޫމް އެ މަގާމަށް އައްޔަނުކުރެއްވީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އޭނާގެ ވަޒީރު ކަމުގައި ރާއްޖެއަށަ ޖެހި ޖެހިގެން 4 އަހަރު ރާއްޖެއަށް ވަނީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑުވެސް ލިބިފައެވެ.
ކޮވިޑަށް ފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން ފަށައިގަނެ، ކުރިއެރުވުމުގައި މައުސޫމް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
މައުސޫމު ވަނީ 1985 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކުރަށްވާފައެވެ. އޭނާ ޑޮކްޓަރޭޓްވެސް ހާސިލުކުރައްވާފައި ވަނީ ސަސްޓެއިނެބްލް ޓޫރިޒަމް ޑިވެލޮޕްމެންޓުގެ ދާއިރާއިންނެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގައިވެސް މައުސޫމް ވަނީ ޓޫރިޒަމް މިނިސްޓަރުކަން އަދާކުރައްވާފައެވެ.
ވޯލްޑް ޓްރެވެލް އެވޯޑަކީ ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ދާއިރާގައި ބައިނަލްއަގުވާމީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކަށް ދޭ އެވޯޑެކެވެ. މިއަހަރުވެސް ރާއްޖެއަށް ފަހުރުވެރި ގިނަ އެވޯޑުތަކެއް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!