ތިލަފުށީ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފަށަން އެތަނުގައި ހުރި އުޅަނދުތައް ނަގަން އަންގައިފިއެވެ.

އާބަންކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްގީ ކުރުމަކީ ރާއްޖޭގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންވެ، މާސްޓާ ޕްލޭނާއެއްގޮތަށް ހިއްކަން ޖެހޭ ތަންތަން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

Ad
rt

ތިލަފުށީ ފަޅުގެތެރެއިން ހިއްކަން ހަމަ ޖެހިފައިވާ އޭރިއާ-އީގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 18 ގައި ފަށަން އާބަންކޯއިން ވަނީ ނިންމާފައެވެ. އެ ސަރަހައްދުގައި އެ ކުންފުނިން ކުރިއަށްގެންދިޔަ ސާވޭގައި ފަޅުތެރޭގައި އަޑިއަށްގޮސްފައިވާ އުޅަނދުތަކާއި ގިނަ މުއްދަތެއް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތައް އަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާބަންކޯއިން ބުނީ ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ވަށައިގެން ހުރި ބިންތަކުގައި އުޅަނދުތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

އާބަންކޯއިން ވަނީ އެ ކުންފުނިން ތިލަފުށީ ފަޅުން އެންމެ ފުރަތަމަ ހިއްކާ ސަރަހައްދު ފެންނަ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ސަރަހައްދުގައި ހުރި ހުރިހާ އުޅަނދެއް ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ އެ ކުންފުނީގެ އުސޫލުގެ ދަށުން އަމަލު ކުރާނެ ކަމަށް ބުންޏެވެ.