އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ވަޑައިގެންނެވުމުން، އަމީރު ޝަރީއަތަށް ފޮނުވަން ޖެހޭނެ ކަމަށް ވިދާޅުވެ، މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމީރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ ސަރުކާރުން މަޖިލިހަށް ފޮނުވި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެޖު މަޖިލިހަށް ހުށަހެޅުމެވެ. މަޖިލިހުގެ ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު، އެމަނިކުފާނު އިންނެވީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގައެވެ. އެއީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ނަޝީދު އިންތިހާބުވެވަޑައިގެންނެވި ދާއިރާއެވެ.

Ad
rt

ނަޝީދު އެ ގޮނޑީގައި އިންނަވާ ފުރަތަމަ ވެސް ނަންގަވާފައި ވަނީ ނިޒާމީ މައްސަލައެކެވެ.

މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ނޮވެމްބަރު 1 ގެ ކުރިން މަޖިލިހަށް ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރަށް ލާޒިމްވެއެވެ. އެކަމަކު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްވި ލަފައަކާ ގުޅިގެން ބަޖެޓު ހުށަހެޅުއްވުމަށްޓަކައި އެ މުއްދަތުގެ ކުރިން އަމީރު މަޖިލިހަށް ވަޑައިނުގަންނަވައެވެ. މަޖިލިހުގެ އިދާރާ އިން ވަނީ އެ މުއްދަތު ފަހަނައަޅައި ދިއުމުގެ ކުރިން އަމީރު މަޖިލިހަށް ވަޑައިގެން ބަޖެޓް ހުށަހެޅުއްވުމަށް ދައުވަތު ވެސް ދެއްވައިފައެވެ.

ބަންޑާރަ ނައިބު އޭރު ވިދާޅުވެފައި ވަނީ ނަޝީދު، މަޖިލިހުގެ ރައީސް ކަމުން ވަކިކުރުމަށް ހުށަހަޅާފައި އޮތް މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު މައްސަލައެއް މަޖިލިހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ނިޒާމީ މައްސަލަ ނަންގަވައި ނަޝީދު ވިދާޅުވީ މާލީ ވަޒީރު މަޖިލިހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން ކަމަށެވެ. މާލިއްޔަތުގެ ގާނޫނުގައި ބަޖެޓު ހުށަހަޅަންވީ ދުވަސްތައް ބަޔާންކޮށްފައިވާ ކަމަށާއި ސިޔާސީ ބޭނުމެއްގައި އެ ބޭފުޅުން އެކި ގޮތް ގޮތަށް އަނބުރަމުން ގެންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ. މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަން އޮތް އެންމެ މުހިންމު ކަންތައް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެއީ މަޖިިލިހުގައި އޮތް އެންމެ ބޮޑު ނިޒާމީ ނުކުތާއެވެ. އަދި ފިނޭންސް މިނިސްޓަރަކަށް މަޖިލިހަށް ގޮން ނުޖެއްސެވޭނެ ކަމަށް ވިދާޅުވިއެވެ.

"މަޖިލިހުގެ ބާރުތަކެއް ދޫކޮށެއް ނުލެވޭނެ މާލީ ވަޒީރަކަށް. މަޖިލިހަށް ގޮން ނުޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.